ދިވެހި ސަރުކާރާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްއިން 8.8 ބިލިއަން އެމެރިކާ ޑޮލަރުގެ މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރ (އެމްއައިއެފްސީ) އުފެއްދުމަށް ނިންމައިފިއެވެ. މި މަޝްރޫއު އިފްތިތާހުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި ޝޭހް ނާއިފް ބިން އީދު އަލް ތާނީގެ ހާޒިރުގައި މިރޭ ކުރުނބާ މޯލްޑިވްސް ރިސޯޓުގައި ބޭއްވި ހަފްލާއެއްގައެވެ.
މި ހަފްލާގައި ދިވެހި ސަރުކާރުގެ ފަރާތުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އަދި އެމްބީއެސް ގްލޯބަލް އިންވެސްޓްމެންޓުގެ ފަރާތުން ޗެއާމަން މަރުވާން އަލްހާޖެރީ ވަނީ މިކަމާއި ގުޅޭ ޖޮއިންޓް ވެންޗާ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ. ފިނޭންސް މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، އެމްއައިއެފްސީއަކީ މާލޭގައި ޤާއިމުކުރެވޭ، މުޅިން ދެމެހެއްޓެނިވި، މާލީ މިނިވަން ސަރަޙައްދެކެވެ. މި ސަރަޙައްދު ފަރުމާކުރެވިފައިވަނީ ދުނިޔޭގެ މާލީ މުއައްސަސާތަކާއި، ޑިޖިޓަލް ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެކަށޭނަ ގޮތަކަށެވެ.
މި މަޝްރޫޢުގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިކަމުގެ އިތުރުން އެހެން ދާއިރާތަކަށް އިޤްތިޞާދު ފުޅާކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށާއި، އިންޑިއާ ކަނޑުގެ ސަރަޙައްދުަރަޙައްދުގައި އެންމެ ފާހަގަކޮށްލެވޭ މާލީ މަރުކަޒުގެ ގޮތުގައި ރާއްޖެ ޤާއިމުކުރެވިގެންދާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.
2030 ވަނަ އަހަރާ ހަމައަށް ނިންމުމަށް ރޭވިފައިވާ މި މަޝްރޫޢުގެ މަޤްޞަދަކީ 4 އަހަރުގެ ތެރޭގައި ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު (ޖީ.ޑީ.ޕީ) ފާހަގަކުރެވޭ ވަރަކަށް އިތުރުކުރުމެވެ. އަދި 5 ވަނަ އަހަރާ ހަމައަށް 1 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ މަތީ އާމްދަނީއެއް ލިބޭނެކަމަށް ލަފާކުރެވެއެވެ.
އެމްއައިއެފްސީގައި ހިމެނޭނީ 3,500 މީހުންގެ ޖާގައިގެ ކޮންފަރެންސް ސެންޓަރެއް، ތިން ރެސިޑެންޝަލް އަދި އޮފީސް ޓަވަރު، މަތީ ފެންވަރުގެ ބްރޭންޑެޑް ރެސިޑެންސްތައް، ދުނިޔޭގެ ނަން މަޝްހޫރު ހޮޓާ ބްރޭންޑްތައް، އޯޝަނޮގްރަފިކް މިއު
ޒިއަމްއެއް، މިސްކިތެއް އަދި އިންޓަރނޭޝަނަލް ސްކޫލެއް ހިމެނޭ ގޮތަށް ފެންވަރު ރަނގަޅު ތަޢުލީމީ ވަސީލަތްތަކެވެ.

އެމްއައިއެފްސީ އިފްތިތާހު ކުރުމަށް މިރޭ ބޭއްވި ހަފްލާގެ ތެރެއިން– ފޮޓޯ: ރައީސް އޮފީސް
މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެމްއައިއެފްސީއާއެކު އެކުލަވާލެވެނީ މާދަމާގެ ދިވެހިރާއްޖެ ކަމަށާއި، އެއީ އައު އީޖާދުތަކުގެ ނަމޫނާއަކަށްވެ، ޤައުމީ ފަޚުރުވެރިކަމުގެ ނިޝާނަކަށްވެ، ޤުދުރަތާ އެއްހަމައެއްގައި ކުރިއަރައިގެންދާނެ ތަނެއް ކަމަށެވެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، މިއީ ވަރަށް މުހިންމު މަޝްރޫއެއް ކަމަށާއި، ފަތުރުވެރިކަމުގެ އިތުރުން އިޤްތިޞާދު ތަނަވަސްކުރުމަށް ލިބޭ ރަނގަޅު ފުރުޞަތެއް ކަމަށެވެ. މީގެ ސަބަބުން ދުނިޔޭގެ އެންމެ ރަނގަޅު ވިޔަފާރިތަކާއި އައު ޚިޔާލުތައް ގެންގުޅޭ ވިޔަފާރިވެރިން ރާއްޖެ އަންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްގެ ސީއީއޯ ނަދީމް ހުސައިން ވިދާޅުވީ، މި މާލީ މަރުކަޒުން އާ ބައިނަލްއަޤްވާމީ މިންގަނޑެއް ކަނޑައަޅައި، މާލީ އައު އީޖާދުތައް މަދުވެގެން 20 އަހަރުގެ މުއްދަތަކަށް ކުރިއަރުވާނެ ކަމަށެވެ. އެމްއައިއެފްސީގައި މޫސުމަށް އަންނަ ބަދަލުތަކާ ރަހްމަތްތެރި، ދެމެހެއްޓެނިވި ވަސީލަތްތަކެއް ހުންނާނެއެވެ. އިމާރާތްތަކާއި އާންމު ތަންތަނަށް ހަކަތަ ފޯރުކޮށްދެވޭނީ އިއާދަކުރަނިވި ހަކަތައިންނެވެ. އަދި ހުރިހާ ދަތުރުފަތުރާއި ލޮޖިސްޓިކްސްގެ ވަސީލަތްތައް ހުންނާނީ ބިމުގެ އަޑީގައެވެ.
މި މަޝްރޫޢުގެ ޖުމްލަ ބޮޑުމިނަކީ 780,000 އަކަމީޓަރެވެ. މި ސަރަޙައްދުގައި 6,500 އަށްވުރެ ގިނަ މީހުންނަށް ދިރިއުޅެވޭނެއެވެ. އަދި ދުވާލެއްގެ މައްޗަށް 35,000 މީހުން މި ސަރަޙައްދަށް ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވެއެވެ.
މި މަޝްރޫޢަކީ ރާއްޖޭގެ އިޤްތިޞާދީ ކުރިމަގަށް އައު ދޮރެއް ހުޅުވައިދޭނެ، އަދި ބައިނަލްއަޤްވާމީ މާލީ ދާއިރާގައި ރާއްޖޭގެ މަޤާމު އުސްކޮށްދޭނެ ތަރައްޤީގެ މަޝްރޫޢެއް ކަމަށް ބެލެވެއެވެ.

