މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންސް ސެންޓަރ (އެމްއައިއެފްސީ) އިފްތިތާޙުވެގެން ދިއުމަކީ ދިވެހިރާއްޖޭގެ އިޤްތިޞާދުގެ މުޅިން އައު ބާބެއްގެ ފެށުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ މާލީ ފްރީ ޒޯނުގެ ގޮތުގައި ތަރައްޤީކުރާ އެމްއައިއެފްސީ ތަރައްޤީކުރުމަށް 8.8 ބިލިއަން ޑޮލަރު އިންވެސްޓްކުރުމާ ގުޅޭ އެއްބަސްވުމުގައި ޤަޠަރުގެ ޝާހީ ޢާއިލާގެ ކުންފުނި އެމްބީއެސް ގްލޯބަލް އިންވެސްޓްމެންޓްސްއާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކުރެވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިއީ ރާއްޖޭގެ ތާރީޚުގައިވެސް މުހިންމު ވަގުތުކޮޅެއް ކަމަށެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި މި މަރުކަޒަކީ ހަމައެކަނި ބިނާވެށި ތަރައްޤީކުރުމުގެ މަޝްރޫޢެއް ނޫނެވެ. މިއީ ދިވެހި ރައްޔިތުން ފަޚުރުވެރިކަމާއި ވިލުންތެރިކަމާއި އަދި އިތުރު ފުރުސަތުތަކުން ބާރުވެރިކުރުވުމަށް ދިވެހި ސަރުކާރުން ފަށާ މަސައްކަތެކެވެ.
"މި މަރުކަޒަކީ ދިވެހިންނަކީ ކޮން ބައެއްކަން އަދި ކުރިއަށް އޮތް ތަނުގައި ވާން ބޭނުންވަނީ ކޮން ބައަކަށްކަން ރަމްޒުކޮށްދޭ މަރުކަޒެއް،" ރައީސް ވިދާޅުވިއެވެ. "އެތަނުން ރަމްޒުކޮށްދެނީ ހަމައެކަނި ފަތުރުވެރިކަމުގެ މަންޒިލަކަށް ނުވާ، ބައިނަލްއަޤްވާމީ ބަދަލުތައް ގެނައުމުގެ މެދުވެރިޔަކަށްވާ ރާއްޖެއެއް."
އެމްއައިއެފްސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުން، މި މަޝްރޫޢު ގާއިމުކުރެވޭނީ 780,000 އަކަމީޓަރުގެ ބޮޑު ސަރަހައްދެއްގައެވެ. މި ސަރަހައްދުގައި 6,500 އަށްވުރެ ގިނަ މީހުންނަށް ދިރިއުޅެވޭނެ ގޮތް ހަމަޖެހިގެންދާނެއެވެ.
ރައީސް މުޢިއްޒު ނިންމަވާލެއްވީ "ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އުފެއްދުންތެރިންނާއި ދުރުވިސްނާ މީހުންނާއި، އިންވެސްޓަރުންނަށް އަޅުގަނޑުގެ ގޮވާލުމަކީ މާލީ ދާއިރާގެ މުސްތަޤުބަލު އޮތީ މިތަނުގައި ކަމަށް. އެއީ ދެމެހެއްޓެނިވި ޝާމިލު އިންސާނީ މުސްތަޤުބަލެއް. އެއީ ދިވެހިރާއްޖޭގެ ބައިނަލްއަޤްވާމީ މާލީ މަރުކަޒު. އެ މަރުކަޒު ފެށެނީ ދިވެހިރާއްޖެއިން" މި ބަސްކޮޅުންނެވެ.

