މަސްތުވެގެން ހުރި މީހަކު ދުއްވި ލޯންޗެއް ފެރީ ދޯންޏެއްގައި ޖެހި އެކްސިޑެންޓުވެއްޖެއެވެ.
ފުލުހުން ބުނީ ރޭ އެކްސިޑެންޓުވެފައިވަނީ ކ. އަތޮޅު ވާދޫ ރިސޯޓާ ދިމާއިން ކަނޑުއޮޅީ ބޭރުން ކަމަށެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މ. ކޮޅުފުށި، ޒަހީރާމަންޒިލް، އުމުރުން 40 އަހަރުގެ ނާޝާދު ވަލީދު މުހައްމަދެވެ.
ފުލުހުންނަށް ރިޕޯޓު ލިބިގެން އެތަނަށް ގޮސް ބަލައި ޓެސްޓު ހެދުމުން، ލޯންޗުގެ ކައްޕި ނާޝާދު އިނީ މަސްތުވެގެން ކަމަށް ދެނެގަނެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި އެކްސިޑެންޓުގައި އުޅަނދަކަށް ގެއްލުންވެފައިވާ ކަމެއް ނުވަތަ ނޫން ކަމެއް ވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ފުލުހުން ބުނީ މީހަކަށް ގެއްލުންފެފައި ނުވާ ކަމަށެވެ.
މި މައްސަަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

