ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ވަކިކުރުމުގެ މައްސަލަ ދިރާސާކޮށް ގޮތެއްނިންމެވުމަށް ކޮމިޓީއަށް ފޮނުވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި މައްސަލަ ދިރާސާކުރުމަށް ފޮނުވާފައިވަނީ ޖުޑީޝަލް ސާރވިސް ކޮމިޝަންއަށެވެ.
ދެ ފަނޑިޔާރުން ވަކިކުރުމަށް ނިންމައި، ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީ ވަނީ ތަޅުމަށް އިއްވާފައެވެ.
އެ ސިޓީގައިވަނީ 04 އޭޕްރީލް 2025ގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ގދ. ދާންދޫ އަސަރީގޭ ޑރ. އިސްމާޢީލް ލަޠީފްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރި މައްސަލާގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިލާދާ ޒާހިރާއި ފަނޑިޔާރު މަޙާޒް ޢަލީ ޒާހިރު ބައިވެރިވެގެން ކްރިމިނަލް ކޯޓުގެ ޤާޟީ ޞައްފަތު ހަބީބް މެދުވެރިކޮށް، ބަންދާމެދު ގޮތެއް ނިންމެވި ޤާޟީ އިބްރާހީމް ޛިހުނީއަށް ނުފޫޒް ފޯރުވާފައިވާކަމަށް ސާބިތުވާކަމަށެވެ.
އެއީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފް އަމަލެއްކަމަށްވުމުން ފަނޑިޔާރުންގެ ފަނޑިޔާރުކަމާމެދު ގޮތެއް ނިންމެވުމަށް ޖޭއެސްސީން ވަނީ އެ ސިޓީގައި އެދިފައެވެ.
މިމައްސަލަ ފެންމަތިކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ނިސްބަތްވާ ސިޔާސީ ޕާޓިއަކުން ވަކިވުމުން ނުވަތަ ވަކިކުރުމުން އެ މެމްބަރެއްގެ ގޮނޑި ގެއްލޭގޮތަށް ގާނޫނު އަސާސީއަށް ބަދަލުގެނެސް، ވެރިކަންކުރާ ޕީއެންސީއިން ފާސްކުރި ބިލް ބާތިލްކުރަން ސުޕްރީމް ކޯޓުގައި ސުލޫކީ މައްސަލައެއް ބަލަމުންދިޔަ ދަނޑިވަޅުގައެވެ.
ތިން ފަނޑިޔާރުން ސަސްޕެންޑްކުރީ އެމައްސަލައާ ގުޅޭ ވަގުތެއް އަމުރެއް ނެރުމާއި ގުޅޭގޮތުން އަޑުއެހުމެއް ބޭއްވުމަށް ތާވަލުކޮށްފައި އޮތް ދުވަހު މައްސަލަ ފެށުމަށް ކުޑަވަގުތުކޮޅަކަށް ވެފައިވަނިކޮށެވެ. ތިން ފަނޑިޔާރުން ސަސްޕެންޑްކުރުމާއެކު ފުލް ބެންޗުން ބަލަމުންދިޔަ މައްސަލަ ހުއްޓުމަކަށް އައީއެވެ.
މި މައްސަލައިގައި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ވަނީ ފެބްރުއަރީ މަހު ސަސްޕެންޑުކޮށްފައެވެ. އެއީ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި، ފަނޑިޔާރު އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދެވެ. ޙުސްނުއްސޫއޫދުވަނީ މި މައްސަލަ ބަލަން ފެށުމުން ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވާފައެވެ.

