ރާއްޖޭގައި ތަރައްޤީކުރާ ފުރަތަމަ ބައިނަލްއަޤްވާމީ މާލީ މަރުކަޒު، މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންސް ސެންޓަރުގެ ބިންގާ މިއަދު އަޅައިފިއެވެ. މި މުހިންމު މަޝްރޫޢުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.
ހުޅުމާލޭ ފޭސް ތިނެއްގައި ބޭއްވުނު މި ރަސްމިއްޔާތުގައި ދައުލަތުގެ އިސް ވަޒީރުންނާއި، އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި މަޝްރޫޢުގެ ހަނދާނީ ބިނާ އިފްތިތާޙު ކުރެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރާއި، އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްގެ ރައީސް ޝައިޚް ނާޔިފް ބިން ޢީދް އަލް ޘާނީއެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު ސާއިދު މުސްތަފާ ވިދާޅުވީ މި މަޝްރޫޢަކީ ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް، ފަތުރުވެރިކަމުގެ ސިނާޢަތް އައު ހަރުފަތަކަށް ގެންދިއުމަށް މަގުފަހިކޮށްދޭނެ މުހިންމު މަސައްކަތެއް ކަމަށެވެ.
"މި މަޝްރޫޢާއެކު ރާއްޖޭގެ އިޤްތިޞާދަށް އައު ދޮރުތަކެއް ހުޅުވިގެންދާނެ. މިއީ ހަމައެކަނި މާލީ ދާއިރާއަށް އަމާޒުކޮށްގެން ކުރާ މަސައްކަތެއް ނޫން. މުޅި ރާއްޖޭގެ އިޤްތިޞާދު ބަދަލުކޮށްލައި، ފަތުރުވެރިކަމުގެ ސިނާސިނާޢަތަށްވެސް އައު ކުރިއެރުންތަކެއް ގެނެސްދޭނެ މަޝްރޫޢެއް،" ޑެޕިއުޓީ މިނިސްޓަރު ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން 780,000 އަކަމީޓަރުގެ ސަރަހައްދެއްގައި މާލީ މަރުކަޒު ޤާއިމުކުރެވޭނެއެވެ. މި ސަރަހައްދުގައި 6,500 އަށްވުރެ ގިނަ މީހުންނަށް ދިރިއުޅެވޭނެ ކަމަށާއި، ދުވާލަކު 35,000 މީހުން މި ސަރަހައްދަށް ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވެއެވެ.
މި މަޝްރޫޢަކީ ދިވެހި ސަރުކާރާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް ގުޅިގެން ކުރިއަށްގެންދާ 8.8 ބިލިއަން ޑޮލަރުގެ ބޮޑު އިންވެސްޓްމަންޓެކެވެ. މި މަޝްރޫޢު ފުރިހަމަވުމުން ރާއްޖޭގެ އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް ލިބި، ވަޒީފާގެ އައު ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް ބެލެވެއެވެ.

