ޕްރެސް ފްރީޑަމް ޑޭގެ މުނާސަބަތުގައި ބޭއްވުނު ތާރީޚީ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢުތަކަކީ މިސަރުކާރުން އެންމެ އިސްކަމެއްދޭ އެއް ދާއިރާކަމުގައި ވިދާޅުވެފައެވެ.
ރައީސް “މަޝްރޫޢުތައް ކުރިއަށްގެންދާއިރު، ޙިމާޔަތް ކުރެވޭގޮތަށް ކުރިއަށް ގެންދިއުމަކީ އަޅުގަނޑުމެންގެ ދެމެހެއްޓެނިވި ތަރައްޤީގެ އެންމެ މުހިންމު ސިޔާސަތު” ކަމަށެވެ. އަދި މިގޮތުން ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢުތަކަކީ މިސަރުކާރުން އެންމެ އިސްކަމެއްދޭ އެއް ދާއިރާކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، މިހާރުވެސް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ ޢަމަލީ މަސައްކަތްތައް ހިންގާ މަޝްރޫޢުތައް ކުރިއަށްދާ ކަމަށެވެ. އަދި މީގެ އިތުރުން، ކުރިއަށް އޮތް އަހަރު ތެރޭގައި އިތުރު 30 ރަށެއްގައި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު ކުރިއަށްދާނެ ކަމަށްވެސް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ ތިމާވެށި ރައްކާތެރިކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީގެ މުހިންމުކަމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އަދި މި ދާއިރާއިން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ހިއްސާކުރައްވާފައިވެއެވެ. 14 ގަޑިއިރަށްވުރެ ދިގު މުއްދަތަކަށް ކުރިއަށްދިޔަ މި ބައްދަލުވުމަކީ ރާއްޖޭގެ ތާރީޚުގައި ރައީސުލްޖުމްހޫރިއްޔާއަކު ނޫސްވެރިންނާއެކު މިހާ ދިގު މުއްދަތަކަށް ބޭއްވި ފުރަތަމަ ބައްދަލުވުމެވެ.

