ހުޅުމާލޭގައި ޤާއިމްކުރަމުންދާ ތެލެސީމިއާ ސެންޓަރުގެ އައު އިމާރާތް “އޮރެންޖު ހިޔާ” އަށް ޚާއްސަކޮށްގެން ބަސް ހުއްޓިއެއް އިތުރުކޮށް، މިއަދުން ފެށިގެން އެ ބަސް ހުއްޓިން ޚިދުމަތް ދޭން ފަށައިފިއެވެ.
އެމްޓީސީސީން މިކަން އިޢުލާންކުރައްވަމުން ވިދާޅުވީ، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން، އޮރެންޖު ހިޔާއަށް ޚިދުމަތް ހޯދަން ދިޔުމުގައި ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމަށް އެޅި ފިޔަވަޅެއް ކަމުގައެވެ.
މި އިތުރުކުރެވުނު ބަސް ހުއްޓީގެ ޚިދުމަތް ލިބެން ހުންނާނީ ހުޅުމާލެ ފޭސް 1 އާއި 2 އަށް ދަތުރުކުރާ އާރު 5 ރޫޓުންނެވެ. އަދި މާލެއިން އޮރެންޖު ހިޔާއަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް ޚިދުމަތް ދިނުމަށްޓަކައި އާރު 15 ނަމުގައި އައު ބަސް ރޫޓެއްވެސް ތަޢާރަފްކޮށްފައިވެއެވެ. މި ދެ ރޫޓުންވެސް މިއަދު 13:30 އިން ފެށިގެން ޚިދުމަތް ދޭން ފަށާފައިވެއެވެ.
ތެލެސީމިއާ ސެންޓަރުގެ އައު އިމާރާތުގެ މަސައްކަތް ވަނީ ޤައުމީ ކަމެއްގެ ގޮތުގައި މާޗް 28 ވަނަ ދުވަހު ސިފައިންނާ ހަވާލުކޮށްފައެވެ. އަދި މި މަސައްކަތް ނިންމައި، އިމާރާތް ހުޅުވުމަށް ހަމަޖެހިފައިވަނީ ދުނިޔޭގެ ތެލެސީމިއާ ދުވަސްކަމުގައިވާ މެއި 8 ވަނަ ދުވަހުއެވެ.
ތެލެސީމިއާ ކުދިންނާއި އެ ކުދިންގެ އާއިލާތަކަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. އަދި އޮރެންޖު ހިޔާއަށް ދަތުރުފަތުރު ކުރުމުގައި ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދެއްވާނެ ކަމަށްވެސް ވިދާޅުވެފައިވެއެވ

