ރާއްޖޭގެ ކްރެޑިޓް ރޭޓިން ރަނގަޅުކުރުމަށް ކުރާ މަސައްކަތުގައި އެހީތެރިވެދެއްވުމަށް ޝައުޤުވެރިކަން އެބަހުރިކަމަށް ޔުނައިޓެޑް ޢަރަބް އެމިރޭޓްސްގެ އުމް އަލް ޤުވައިންގެ ޑެޕިއުޓީ ރޫލަރ ހިޒް ހައިނަސް ޝައިޚް ޢަބްދުﷲ ބިން ރާޝިދު އަލްމުޢައްލާ ހާމަކުރައްވައިފިއެވެ. މިކަން އެމަނިކުފާނު ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައެވެ.
ދެ ބޭފުޅުންގެ މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރާ ގުޅޭގޮތުން ވެވުނު އެއްބަސްވުމަށްޓަކައި ޝުކުރުވެރިކަން ފާޅުކުރައްވާފައެވެ. އަދި ދެ ޤައުމުގެ މަސްލަޙަތު ހިމެނޭ ދާއިރާތަކުން އެކުގައި މަސައްކަތްކުރެއްވުމުގެ ޝައުޤުވެރިކަންވެސް ފާޅުކުރެއްވިއެވެ.
އުމް އަލް ޤުވައިންގެ ޑެޕިއުޓީ ރޫލަރ ވަނީ، ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގައި އިންވެސްޓް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. މީގެ އިތުރުން، ރާއްޖޭގައި ފުޑް ސެކިއުރިޓީ އިތުރުކުރުމާއި، ފޮސިލް ފިއުލްއަށް ބަރޯސާވުން ކުޑަކުރުމާއި، ދަނޑުވެރިކަން ކުރިއެރުވުމުގެ މަސައްކަތްތަކުގައި އެއްބާރުލުން ދެއްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ދިގުމުއްދަތުގައި ހަމަޖެހުމާއި ތަރައްޤީ ކަށަވަރުކުރުމަށް ބޭނުންވާ ބިނާވެށި ތަރައްޤީކުރުމުގެ މަސައްކަތްތަކުގައިވެސް އެއްބާރުލުން ދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. ޚާއްޞަކޮށް ރާއްޖޭގެ ކްރެޑިޓް ރޭޓިން ރަނގަޅުކުރުމަށް ކުރާ މަސައްކަތުގައި އެހީތެރިވެދެއްވުމަށް ޝައުޤުވެރިކަން ހުރިކަންވެސް ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުން ނިމިގެން ދިޔައީ ކުރިއަށް އޮތް ދުވަސްތަކުގައިވެސް ދެ ޤައުމުގެ ގުޅުން ބަދަހިކޮށް، އެއްބާރުލުން އިތުރުކުރުމުގެ ޢަޒުމުގައި ދެ ބޭފުޅުންވެސް ތިއްބެވިކަން ހާމަކުރައްވަމުންނެވެ.

