ފޫޅުމައިންނަކީ ސިއްޙީ ނިޒާމުގެ މުހިންމު ބައެއްކަމަށާއި، މި ދާއިރާ ކުރިއެރުވުމަށް އިތުރަށް އިންވެސްޓްކުރަން ޖެހޭކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ޙަލީމް ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ފޫޅުމައިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އައިޖީއެމް ހޮސްޕިޓަލުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ފޫޅުމައިންނަކީ މައިމީހާއާއި އަލަށް އުފަންވާ ކުދިންނަށް ދެވޭ ފަރުވާގެ އެންމެ މުހިންމު އެއް ތަނބުކަމަށް ޙަލީމް ފާހަގަކުރެއްވިއެވެ.
"ކުއްޖަކު އުފަންކުރުމުގެ އުފާވެރި އަދި ނާޒުކު މަރުހަލާގައި ވިހެއުމުގެ ރައްކާތެރިކަން ކަށަވަރުކޮށް، މައިންނަށް އެހީތެރިވެދީ، އަލަށް އުފަންވާ ކުދިންނަށް ބޭނުންވާ ފަރުވާދޭ ބަތޮލުންނަކީ ފޫޅުމައިން،" ޙަލީމް ވިދާޅުވިއެވެ.
މި ދާއިރާގައި ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެކަށީގެންވާ މިންވަރަށް ތަމްރީނު ލިބިފައިވާ ފޫޅުމައިން ނެތުންކަމަށް ޙަލީމް ފާހަގަކުރެއްވިއެވެ. އަދި މިޑްވައިފަރީގެ ދާއިރާއިން ސްޕެޝަލައިޒް ވުމުގެ ފުރުސަތު ނެތުމަކީވެސް މި ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް އޮތް ބޮޑު ހުރަހެއްކަމަށް އޭނާ ވިދާޅުވިއެވެ.
"މިއީ ގުޅުން ހުރި އިދާރާތަކުން މަސައްކަތްކޮށްފިނަމަ ދަތިތަކާއެކުވެސް ހައްލުކުރަން ޖެހޭ، ސިއްޙީ ނިޒާމަށް ކޮންމެހެން ބޭނުންތެރި ކަމެއް. އެހެންކަމުން އެންމެން ގުޅިގެން މިޑްވައިފަރީގެ ދާއިރާއިން އިންވެސްޓު ކުރަންޖެހޭ،" ކަމަށް ޙަލީމް ވިދާޅުވިއެވެ.

