ރާއްޖެއިން އިންޑިޔާއާއި ދެމެދު ހަދާފައިވާ އެއްބަސްވުންތައް ހާމަނުކުރެވެނީ ދެ ޤައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގައި މަޢުލޫމާތު ހާމަކުރުމާ ގުޅޭގޮތުން ހިމަނާފައިވާ މާއްދާތަކެއްގެ ސަބަބުންކަމަށް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ގައްސާން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު، ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ވަޒީރު ޣައްސާން ވިދާޅުވީ 1965 ވަނަ އަހަރު ރާއްޖެއަށް މިނިވަންކަން ލިބުނީއްސުރެ 100 އަށްވުރެ ގިނަ އެއްބަސްވުން ދެ ޤައުމުގެ ދެމެދުގައި ޤާއިމުކޮށްފައިވާކަމަށެވެ. މީގެތެރެއިން ދިފާޢީ ވުޒާރާއިން ޒިންމާވާގޮތަށް އޮތީ 4 އެއްބަސްވުމެއްކަމަށް ވަޒީރު ވަނީ ފާހަގަ ކުރައްވާފައެވެ.
“އެ އެއްބަސްވުންތައް ދެންމެ އިއްޒަތްތެރި މެމްބަރު ތިޔަ އިޝާރާތްކުރެއްވި ގޮތަށް ރައީސުލްޖުމްހޫރިއްޔާގެ ޕްރެސް ކޮންފަރެންސްގައި ވިދާޅުވެފައިވާ ގޮތުގެ މަތިން ދެ ގައުމުގެ ދޭތެރޭގައި އޮތް ގާތް ގުޅުމުގެ ތެރެއިން ދިވެހިރާއްޖޭގެ މިނިވަން ކަމާއި ސިޔާދަތާއި އިސްތިގުލާލަށް އެއްވެސް ގެއްލުމެއް ނުވާ ގޮތަށް ބަދަލު ކުރުމުގެ މަސައްކަތްތައް ކުރެވި، އަދިވެސް ކުރެވެމުން އެބަދޭ،” ޣައްސާން ވިދާޅުވިއެވެ.
މިމަހު 3 ވަނަދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ އަސްކަރީ އެއްބަސްވުންތައް ހާމަކުރުމަކީ ވެވަޑައިގެންނެވި ވައުދުފުޅެއް ކަމަަށާއި، ވިދާޅުވެފައިވާ ގޮތުގައި އެއްބަސްވުންތަކާ ގުޅިގެން ދޭން ބޭނުންފުޅުވާ ޔަގީން ކަމަކީ ގައުމުގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތް ކުރުމުގައި ގެއްލުންވާނެ ކަމެއް އޮތިއްޔާ އެކަމެއް މިހާރު ނޯންނާނެ ކަމުގައެވެ.
ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމާއި އިސްތިޤްލާލަށް ނުރައްކާވެދާނެފަދަ އެއްވެސް ކަމެއް އެއްބަސްވުންތަކުގައި ހުރިނަމަ، އެކަންކަން މިހާރު ބަދަލުކޮށްފައިވާކަމަށް ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

