ދެކުނު އޭޝިޔާ ބައްރުގެ ގިނަ ގައުމުތަކެއްގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ޕްރޮގްރާމެއްގެ ދަށުން އިންޑިއާގެ ނޭވީ މަނަވަރު “އައިއޯއެސް ސާގަރް” މިއަދު ރާއްޖެ އަތުވެއްޖެއެވެ. މި ޕްރޮގްރާމްގައި އިންޑިއާ ހިމެނޭހެން 10 ގައުމެއް ބައިވެރިވެއެވެ.
މި މަނަވަރު ރާއްޖެ އައުމާ ގުޅިގެން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ދިވެހި ކޯސްޓްގާޑްގެ ފަރާތުން ވަނީ އިންޑިއާގެ ނޭވީއަށް ހަނދާނީ ފިލައެއް އަރުވާފައެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން “އައިއޯއެސް ސާގަރް”ގެ ކޮމާންޑިން އޮފިސަރު، ކޮމަންޑާ ކަމަލް ސިން ރާނާ ވިދާޅުވި ގޮތުގައި އެ ޝިޕްގައި ނުވަ ގައުމަކުން ޖުމްލަ 12 އޮފިސަރުންނާއި 32 ސެއިލަރުން ހިމެނެއެވެ. މީގެ ތެރޭގައި ރާއްޖޭގެ އެއް އޮފިސަރާއި ތިން ސޭލަރުން ހިމެނެއެވެ.
“މި ދަތުރު ފެށީ އޭޕްރީލް މަހުގެ ފަސްވަނަ ދުވަހުގައި. އިންޑިއާގެ ޕޯޓެއް ކަމަށްވާ ކާރްވާރްއިން. މިހާތަނަށް ޓެންޒޭނިޔާގެ ދާރެއް ސަލާމް، މޮޒަމްބިކްގެ ކަނާލާ، މޮރިޝިއަސްގެ ޕޯޓް ލުއީ، ސީޝަލްސްގެ ޕޯޓް ވިކްޓޯރިޔާ އަށް ވަނީ ދެވިފައި. ރާއްޖެ މިއީ ފަސްވަނަ ބަނދަރު،” ކަމަލް ސިން ރާނާ ވިދާޅުވިއެވެ.
ކޮމާންޑާ ކަމަލް ސިން ރާނާ ވިދާޅުވި ގޮތުގައި މި ދަތުރުގެ ތަޖުރިބާ ވަރަށް ރަނގަޅެވެ. އަދި މި ޕްރޮގްރާމްގައި ބައިވެރިވި ގިނަ އަދަދެއްގެ ސިފައިން ތަމްރީން ހާސިލްކޮށްފައިވަނީ އިންޑިއާއިން ކަމަށްވާތީ މަސައްކަތް ކުރުމަށް ވަރަށް ފަސޭހަވިއެވެ. އެ މަނަވަރުގައި ހެލިކޮޕްޓާ އޮޕަރޭޝަނާއި ރެސްކިއު އޮޕަރޭޝަންތައް ފަދަ ގިނަ އަދަދެއްގެ އޮޕަރޭޝަންތަކެއް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.
އިންޑިއާގެ ނޭވީ “އައިއޯއެސް ސާގަރް” ގެ ބައިވެރިން މާލެ ސަރަހައްދުގެ ބައެއް ރަށްތަކަށް ޒިޔާރަތްކޮށް ރާއްޖެ ބަލާލުމަށްފަހު، އެ ދަތުރު ނިންމާލުމަށް އިންޑިއާގެ ކޮޗިން އަށް ދާން ފުރާނެއެވެ.

