ރާއްޖޭގައި މަސައްކަތް ކުރަމުންދިޔަ އިންޑިއާ ސިފައިންގެ ތެރެއިން 74 މީހަކު އަނބުރާ އެ ގައުމަށް ފޮނުވާލާފައިވާ ކަމަށާއި، އެ މީހުން ހަރަކާތްތެރިވެފައިވަނީ އެއްވެސް ހަތިޔާރަކާ ނުލައި ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި ގާއިމުވެފައި ތިބި އިންޑިއާގެ ހުރިހާ ސިފައިން ވަނީ ދެ ގައުމުގެ މެދުގައި އޮތް ގާތް ގުޅުމުގެ ތެރެއިން އިންޑިއާ ސަރުކާރުން އަނބުރާ ގެންގޮސްފައި ކަމަށެވެ.
މިނިސްޓަރު ދެއްވި މައުލޫމާތުގައި، ހދ. ހަނިމާދޫގައި 25 ސިފައިންނާއި، ލ. ކައްދޫގައި 25 ސިފައިންނާއި، އަދި ސ. ގަމުގައި 24 ސިފައިން ހަރަކާތްތެރިވެފައިވާ ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގައި ގާއިމުވެފައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަކީ މި ސަރުކާރުގެ މުހިންމު ވައުދެއްކަން ފާހަގަކޮށްލެވެއެވެ. މި ގޮތުން ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް، އިންޑިއާގެ ހެލިކޮޕްޓަރުތަކާއި ޑޯނިއާ ބޯޓުތައް ރާއްޖޭގައި ދުއްވި އިންޑިއާގެ ސިފައިން ވަނީ މިދިޔަ އަހަރު ފުރުވާލާފައެވެ.
މި ކަމަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ލިބިގެންދިޔަ މުހިންމު ކުރިއެރުމެއް ކަމަށް ސަރުކާރުން ދެކެއެވެ.

