ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ފިރިކަލުންގެ ބަންދާމެދު ކުރިމިނަލް ކޯޓުން ނިންމި ގޮތެއް ބެއްލެވުމަށް އެ ކޯޓުގެ ފަނޑިޔާރު ސޮފްވަތު ހަބީބަށް ގުޅުއްވިކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު އެއްބަސްވެވަޑައިގަތްކަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ތަހުގީގު ރިޕޯޓުން ހާމަވެއްޖެއެވެ.
ޖޭއެސްސީގެ ތަހުގީގުން ހާމަވި ގޮތުގައި، މަހާޒު ވިދާޅުވެފައިވަނީ ކުރިމިނަލް ކޯޓުން އަޒްމިރަލްދާގެ ފިރިކަލުން ބަންދުން ދޫކޮށްލަން ނިންމި ފަހުން ސޮފްވަތަށް ގުޅުއްވީ، އެ މައްސަލައަކީ އިސްތިއުނާފުގެ މަރުހަލާތަކުގެ ތެރެއިން ސުޕްރީމް ކޯޓަށް އަތުވެދާނެ މައްސަލައަކަށްވާތީ މައުލޫމާތު އޮޅުންފިލުއްވުމަށް ކަމަށެވެ.
އެހެންނަމަވެސް، ޖޭއެސްސީން ފާހަގަކުރި ގޮތުގައި މަހާޒު ސޮފްވަތަށް ގުޅުއްވިއިރު އަޒްމިރަލްދާގެ ފިރިކަލުން ބަންދުން ދޫކޮށްފައިވާކަން އެނގިވަޑައިނުގަންނަވާކަމަށް ތަހުގީގުގައި ވިދާޅުވެފައިވެއެވެ. މިކަމަކީ އަޒްމިރަލްދާގެ ފިރިކަލުންގެ ބަންދާމެދު ގޮތެއް ނިންމުމުގައި ހާއްސަ ގޮތަކަށް ބެލުމަށް ބާރުއެޅުމުގެ ގޮތުން ކުރެއްވި ކަމެއްކަމަށް ޖޭއެސްސީން ނިންމާފައިވެއެވެ.
ތަހުގީގުގައި އިތުރަށް ހާމަވި ގޮތުގައި، އަޒްމިރަލްދާގެ ފިރިކަލުންނަކީ މަހާޒު ދެނެވަޑައިގަންނަވާ މީހަކަށް ނުވާއިރު، އޭނާގެ މައްސަލައާ ގުޅޭ ގޮތުން ކުރިމިނަލް ކޯޓުގެ ގާޒީއަކާ ގުޅުއްވައިގެން މަހާޒު ސުވާލުކުރެއްވީ އަޒްމިރަލްދާ އެދިވަޑައިގަތުމުން ކަމަށް ބެލެވެއެވެ.
މި މައްސަލައާ ގުޅިގެން ކުރިމިނަލް ކޯޓުގެ އިސްގާޒީ އާދަމް މުހައްމަދު ވިދާޅުވެފައިވަނީ އޭނާ ހުންނަވައިގެން އަޒްމިރަލްދާގެ ފިރިކަލުންގެ ބަންދާމެދު ގޮތެއް ނިންމެވިނަމަ، އޭނާ ބަންދުން ނުވީއްލަވާނެ ކަމަށެވެ. އަދި މައްސަލައިގައި މަހާޒު ގުޅުއްވި ގާޒީ ސޮފްވަތު ހަބީބުވެސް ވަނީ އަޒްމިރަލްދާގެ ފިރިކަލުން ދޫކޮށްލި އަމުރަކީ ރަނގަޅު އަމުރެއްކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައެވެ.
މި މައްސަލައިގެ ތަހުގީގަށްފަހު، އަޒްމިރަލްދާއާއި މަހާޒު ދަށު ކޯޓަށް ނުފޫޒު ފޯރުއްވިކަމަށް ބެލެވޭތީ ދެ ބޭފުޅުން ވަކިކުރަން ޖޭއެސްސީން ނިންމައި، ރައްޔިތުންގެ މަޖިލީހަށް އެ މައްސަލަ ވަނީ ފޮނުވާފައެވެ.

