އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން އިންޑިޔާގެ ކޯސްޓްގާޑުން އިސް ނަގައިގެން ކުރިއަށް ގެންދާ ތަމްރީންތަކުގައި ބައިވެރި ވަމުންދާ 9 ޤައުމެއްގެ އޮފިސަރުންނާއި ކްރޫން މިއަދު ރާއްޖެ އައިސްފި އެވެ. މި އޮފިސަރުން ރާއްޖެ ޒިޔާރަތްކޮށްފައިވަނީ އިންޑިޔާގެ މަނަވަރެއްގައެވެ.
ސެކިޔުރިޓީ އެންޑް ގްރޯތު ފޮރ އޯލް އިން ދި ރީޖަން (ސާގަރ) ގެ ނަމުގައި ފަށާފައިވާ މި ތަމްރީންތަކުގައި ދިވެހިރާއްޖޭގެ އޮފިސަރަކާއި ކޯސްޓްގާޑުގެ 3 ކްރޫން ބައިވެރި ވެއެވެ. މި ޕްރޮގުރާމާ ގުޅޭ ގޮތުން މަޢުލޫމާތު ދެއްވަމުން، މަނަވަރުގެ ކޮމާންޑަރ ކަމާލް ސިންގް ރާނާ ވިދާޅުވި ގޮތުގައި އިންޑިޔާގެ މަނަވަރުގެ ދަތުރުތައް ފެށިފައި ވަނީ މިދިޔަ މަހުގެ 5 ވަނަ ދުވަހުއެވެ. އަދި މި ދަތުރު ތަކުގައި ރާއްޖެ ހިމެނޭހެން 5 ޕޯޓަކަށް ބަނދަރު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމާންޑަރ ރާނާ އިތުރަށް ވިދާޅުވި ގޮތުގައި އިންޑިއާ ކަނޑު ހިމެނޭ ސަރަހައްދުގެ ޤައުމުތަކުގެ ނޭވީ އޮފިސަރުންނާއި ކްރޫން މި މަނަވަރުގައި ތަމްރީން ހަދަމުންދެ އެވެ. މި ގޮތުން 12 އޮފިސަރަކާއި 32 ކްރޫ މެންބަރުން ތަމްރީން ޕްރޮގްރާމްގައި ބައިވެރިވަމުންދާ ކަމަށް އޭނާ ހާމަކުރެއްވި އެވެ.
“އިންޑިޔާ ކަނޑުގައި މިހަދާ ތަމްރީންތަކުގައި ބައިވެރިވާ އެންމެންހެން ކިޔަވާފައިވަނީ އިންޑިޔާއިން. ކަނޑުގައި ހަދާ ތަމްރީންތަކުގެ ތެރެއިން ކަނޑުގައި ބަޑި ޖެހުމާއި ހެލިކޮޕްޓަރު އޮޕަރޭޓްކުރުމާ ބެހޭ ތަމްރީންތައް ހަދާފައިވޭ،” ކޮމާންޑަރ ރާނާ ވިދާޅުވި އެވެ.
މި ތަމްރީންތަކުގައި ބައިވެރިވާ އެކި ޤައުމުތަކުގެ ނޭވީ އޮފިސަރުން ފާހަގަ ކުރައްވާ ގޮތުގައި މި ޕްރޮގްރާމްތަކުގެ ތެރެއިން ވަރަށް ރަނގަޅު ތަޖުރިބާތަކެއް ކުރެވުނެވެ. އަދި މެރިޓައިމް ސެކިޔުރިޓީގެ ދާއިރާއިން ގިނަ ކަންތައްތަކެއް ދަސްވެގެން ދިޔަކަން އެ ފަރާތްތަކުން ފާހަގަކުރެއްވި އެވެ. ސަރަހައްދީ 9 ޤައުމެއް ގުޅިގެން ކުރިއަށްގެންދާ މި ތަމްރީންތަކުގެ ސަބަބުން އިންޑިޔާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތަށް ކުރިއެރުން ލިބޭނެކަން ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުންވެސް ފާހަގަކުރައްވައެވެ.

