އެއްވެސް ފަރާތަކަށް ރާއްޖެއަށް ޖާސޫސްކުރުމުގެ ފުރުސަތު ދިވެހި އަސްކަރިއްޔާއިން ނުދޭނެ ކަމުގެ ޔަގީންކަން ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ދެއްވައިފިއެވެ.
މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން، ވަޒީރު ވިދާޅުވީ އިންޑިއާގެ ހެލިކޮޕްޓަރާއި ޑޯނިއާ ފަދަ އުޅަނދުތަކުގައި ޖާސޫސީ އާލާތްތައް ނެތްކަން ކަށަވަރުކުރުމުގެ މަސައްކަތް ގައުމީ ދިފާއީ ބާރުން ކުރަމުންދާ ކަމަށެވެ.
“ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ގާބިލިއްޔަތު ހުރި އެންމެ ފުރިހަމަ މިންވަރަކަށް ޖާސޫސީ އެއްވެސް އާލާތެއް ތި ޕްލެޓްފޯމުތަކުގައި ނެތްކަން ކަށަވަރުކުރަމުންދަނީ. އަޅުގަނޑުމެންނަށް ކުރެވޭނީ އަޅުގަނޑުމެންގެ އަތުގައި ވަސީލަތްތައް ހުރި މިންވަރަކަށް މަސައްކަތް،” ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން، ޗައިނާގެ ސައުތު ޗައިނާ ސީ އިންސްޓިޓިއުޓް އޮފް އޯޝަނޮލޮޖީއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާ ކަނޑުގެ ދިރާސާތަކުގައިވެސް ޖާސޫސްކުރުމުގެ އެއްވެސް ފުރުސަތެއް ނޯންނާނެކަމަށް ވަޒީރު ވަނީ ޔަގީންކަން ދެއްވާފައެވެ. އެފަދަ ދިރާސާތައް ކުރިއަށް ގެންދާނީ ދިވެހި ސިފައިންގެ ސީދާ ބެލުމުގެ ދަށުންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
“ދިވެހިރާއްޖެއަށް ޖާސޫސްކުރަން ފުރުސަތު އޮންނަ ކަމެއް ކުރުމަކަށް ގައުމީ ދިފާއީ ބާރަކުން ޖާގައެއް ނުދޭނެ،” މިހެން ވިދާޅުވަމުން ވަޒީރު އިތުރަށް ވިދާޅުވީ، އެފަދަ އެއްވެސް ކަމެއް ހިމެނޭނަމަ އެކަމެއް އޮންނާނީ ހުއްޓުވިފައި ކަމަށެވެ.

