ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނަށް ގެނެވުނު އިސްލާހާ ގުޅިގެން، ރާއްޖެއަށް ވޭޕް އެތެރެކުރި ވަކިވަކި ފަރުދުން 48 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވުނު ނަމަވެސް، އެފައިސާ ލިބޭނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހާމަކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ވަގުތީ ކޮމިޓީގެ ބައްދަލުވުމުގައި ކަސްޓަމްސްގެ ޑެޕިއުޓީ ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ސިމާހު ވިދާޅުވި ގޮތުގައި، މިހާރު ގާނޫނުގައި އޮންނަ ގޮތުން ވޭޕް އެތެރެކުރުމުގެ ކުށަށް 50،000 ރުފިޔާގެ ޖޫރިމަނާއަކާއި، އިތުރު ކޮންމެ އާލާތަކަށް 10،000 ރުފިޔާގެ ޖޫރިމަނާއެއް ކަނޑައެޅިފައިވެއެވެ.
“އަޅުގަނޑުމެންނަށް އެކަން ތަންފީޒު ކުރެވޭނެ، އެއީއެއް ނޫން މައްސަލައަކީ، އެގޮތަށް ގާނޫނުގައި ކަނޑައަޅާއިރު، އަމިއްލަ ފަރުދަކު އެވަރުގެ ޖޫރިމަނާއެއް ކޮށްގެން އެ ފައިސާ ލިބޭނެތޯ، ވިސްނާލަންޖެހޭ،” ސިމާހު ވިދާޅުވިއެވެ.
ކަސްޓަމްސްގެ ސީނިއަރ ސުޕްރިންޓެންޑެންޓް އިބްރާހިމް ފަޔާޒު ހާމަކުރެއްވި ގޮތުގައި، މިއަހަރު މިހާތަނަށް ވޭޕާއި ސިނގިރޭޓު ވަގަށް އެތެރެކުރުމުގެ 20 އަށްވުރެ ގިނަ މައްސަލަ ރިޕޯޓްވެފައިވެއެވެ. އަދި މިފަދަ ކޮންމެ މައްސަލައެއްގައިވެސް ޖޫރިމަނާކުރުމާއެކު ޖިނާއީ ތަޙުޤީޤެއް ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
“މި ވަގުތު ފާހަގަކުރެވިފައި ހުރި ކޭސްތަކުގައި އެބަހުރި އިންޑިވިޖުއަލް، އަމިއްލަ ފަރުދުން 48 މިލިއަނުން، 40 މިލިއަނުން ޖޫރިމަނާ ކުރެވިފައި، މި ކުރަންޖެހޭ ގާނޫނާ އެއްގޮތަށް. އެހެން ނަމަވެސް އެ ފައިސާ ހޯދުމަކީ އަޅުގަނޑުމެންގެ ބުއްދި ގަބޫލުނުކުރާ ކަމެއް،” ސިމާހު ވިދާޅުވިއެވެ.
ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢައްބާސް ފާހަގަކުރެއްވި ގޮތުގައި ރާއްޖެއަށް އަންނަ ޔޮޓުތަކުން ވޭޕާއި ސިނގިރޭޓު ވަގަށް އެތެރެކުރުމުގެ މައްސަލަ އިތުރުވަމުންދެއެވެ. މި މައްސަލަ ހުއްޓުވުމަށް ޔޮޓުތައް ފާސްކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް ކަސްޓަމްސްއިން މަސައްކަތްކުރަމުންދާ ކަމަށާއި، މިފަދަ މައްސަލަތަކުގައި ޖޫރިމަނާކުރުމުގެ އިތުރުން ޖިނާއީ ތަޙުޤީޤުތައްވެސް ކުރިއަށް ގެންދާނެ ކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، 2023 ޑިސެމްބަރު 15 އިން ފެށިގެން ރާއްޖެއަށް ވޭޕް އެތެރެކުރުމާއި، އިންޒާރުގެ ފޮޓޯއާއެކު ނުރައްކާތެރިކަމުގެ ލޭބަލް ނުޖަހައި ސިނގިރޭޓު އެތެރެކުރުން ވަނީ މަނާކޮށްފައެވެ.

