އިސްލާމިކް މިނިސްޓްރީން މިއަދު ވަނީ މިދިޔަ އަހަރު ކިޔާފައިވާ ހުރިހާ ހުކުރު ހުތުބާތަކެއްގެ އިނގިރޭސި ތަރުޖަމާ ނެރެފައެވެ. މިނިސްޓްރީން މައުލޫމާތު ދެއްވި ގޮތުގައި ފޮތެއްގެ ސިފައިގައި ނެރެފައިވާ މި ތަރުޖަމާގައި 35 ހުތުބާގެ އިނގިރޭސި ތަރުޖަމާ ހިމަނާފައިވެއެވެ.
ހުތުބާއާ ގުޅޭ ކަންކަން ހަރުދަނާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން، މިހާރު ވަނީ ހުކުރު ހުތުބާގެ އިނގިރޭސި ތަރުޖަމާ ނެރުމުގެ އިތުރުން، ހުތުބާގެ އިނގިރޭސި ތަރުޖަމާ ފޭސްބުކް އަދި ޓީވީގެ ލައިވް ފީޑަށް އެރުވުމުގެ މަސައްކަތް ވެސް ފަށައިފައެވެ. މީގެ އިތުރުން އެ ވުޒާރާއިން ދަނީ އިޝާރާތުގެ ބަހުން ވެސް ހުތުބާ ގެނެސްދެމުންނެވެ.
ރާއްޖޭގައި އިނގިރޭސި ބަހުން ތަރުޖަމާކޮށް ހުތުބާ ގެނެސްދޭން ނިންމާފައިވަނީ، ރާއްޖޭގައި ދިރިއުޅޭ ބިދޭސީ މުސްލިމުންނަށް ހުތުބާގެ މެސެޖު ފޯރުކޮށްދިނުމުގެ މަޤްސަދުގައެވެ. މިކަމުގެ ސަބަބުން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ހުތުބާގައި ކިޔާ އެއްޗެއް އެނގިގެން ދާނެއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކުރިން ވިދާޅުވެފައިވާ ގޮތުގައި، ރާއްޖެއަކީ ގިނަ އަދަދެއްގެ ބިދޭސީ މުސްލިމުން ދިރިއުޅޭ ގައުމަކަށްވާތީ، އެ މީހުން އިޖްތިމާއީ މިންގަނޑުތަކާއި އަހްލާގަށް ހޭލުންތެރިކަން އިތުރުކުރުމަށް އެ ގައުމުތަކުގެ އިދާރާތަކާ ގުޅިގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ފައްޓަވާނެއެވެ.

