ތަޢުލީމީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ބޭރުގެ ދެ ޔުނިވަރސިޓީއަކާއެކު ފަހުމުނާމާގައި ސޮއިކޮށްފިއެވެ.
މި ފަހުމުނާމާގައި ސޮއިކޮށްފައިވަނީ އޮސްޓްރޭލިއާގެ ދަ ހޮޓެލް ސްކޫލް – ސަދަން ކްރޮސް ޔުނިވަރސިޓީއާއި، މެލޭޝިއާގެ ސެލެންގޯ އިސްލާމިކް ޔުނިވަރސިޓީއާ ދެމެދުގައެވެ.
ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓޭލިޓީ އެންޑް ޓޫރިޒަމްއާއި، ދަ ހޮޓެލް ސްކޫލް އޮސްޓްރޭލިއާއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، ބައިނަލްއަޤުވާމީ ފަތުރުވެރިކަމުގެ ސިނާޢަތަށް ބޭނުންވާ ތަޢުލީމާއި ތަމްރީނުގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމަށް ވަނީ އެއްބަސްވެފައެވެ. މި ފަހުމުނާމާގެ ދަށުން ދިރާސާކުރުމާއި، ތަޢުލީމީ ފުރުސަތުތައް މުވައްޒަފުންނަށާއި ދަރިވަރުންނަށް އެކްސްޗޭންޖް ޕްރޮގްރާމްތަކުގެ ތެރެއިން ލިބިގެންދާނެއެވެ.
މި މުނާސަބަތުގައި ވާހަކަފުޅު ދައްކަވަމުން ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢައިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ، “މި ފަހުމުނާމާގެ ސަބަބުން ބައިނަލްއަޤުވާމީ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ފަތުރުވެރިކަމުގެ ސިނާޢަތާއި މަތީ ތަޢުލީމުގެ ދާއިރާ ހަރުދަނާވެގެންދާނެ” ކަމަށެވެ. އަދި އޮސްޓްރޭލިއާ ޔުނިވަރސިޓީގެ އެގްޒެކެޓިވް ޖެނެރަލް މެނޭޖަރ ނިކޮލަސް ހައިޑް ވިދާޅުވެފައިވަނީ މި ފަހުމުނާމާއާއެކު ދެ ޔުނިވަރސިޓީއަށްވެސް އެކި ގޮތްގޮތުން ކުރިއެރުންތައް ލިބިގެންދާނެ ކަމަށެވެ.
މީގެއިތުރުން، ޤައުމީ ޔުނިވަރސިޓީއާއި މެލޭޝިއާގެ ސެލެންގޯ އިސްލާމިކް ޔުނިވަރސިޓީއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، ސަރަހައްދީ އަދި ބައިނަލްއަޤުވާމީ މައްސަލަތަކާ ގުޅޭ ދިރާސާތައް ކުރުމަށާއި، ދެ ޤައުމުގެ ދީނީ އަދި ޘަޤާފީ އާދަކާދަތައް ދިރުވައި އާލާކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް ވަނީ އެއްބަސްވެފައެވެ.
ރާއްޖޭގައި ދެވޭ މަތީ ތަޢުލީމަކީ ބައިނަލްއަޤުވާމީ މިންގަނޑުތަކާ އެއްގޮތަށް ދެވޭ ތަޢުލީމަކަށް ހެދުމަށް ޤައުމީ ޔުނިވަރސިޓީން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމާއި، މިފަދަ އެއްބަސްވުންތަކުގެ ސަބަބުން ދަރިވަރުންނަށާއި މުވައްޒަފުންނަށް އިތުރު ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް އެ ޔުނިވަރސިޓީން ފާހަގަކުރެއެވެ.

