ކަންފަތަށް ފެން އެޅުމަކީ ވަރަށް ގިނައިން ދިމާވާ އާންމު މައްސަލައެކެވެ. ޚާއްސަކޮށް ފަތާމީހުންނަށް މިކަން ވަރަށް ގިނައިން ދިމާވެއެވެ. އަދި ފެންވަރާއިރު ފެން އެޅޭ ގޮތަކުން ނުވަތަ ޝަވަރުން ފެން ދޫކޮށްލާފައި ހުރެވޭ ގޮތަކުންވެސް ކަންފަތަށް ފެން އެޅުމަކީ އެކަށީގެންވާ ކަމެކެވެ. އަދި އެކަމުގެ ސަބަބުން ކަންފަތުގައި ރިހުމާއި އުނދަގޫތައް ކުރިމަތިވެއެވެ.
އަދި ފަރުވާކުޑަކޮށް އަޅާނުލާ ހުރުމުގެ ސަބަބުން ބައެއް ފަހަރު އިންފެކްޝަންތަކަށް މަގުފަހިވެ، އަޑުއިވުމުގެ ނިޒާމަށް ގެއްލުން ލިބިދާނެއެވެ.

ކަންފަތަށް ފެން އެޅި ކަންފަތުގައި ރިހޭ ނަމަ، ގޭގައި ކުރެވިދާނެ ބައެއް ކަންކަންދެނެގަތުން މުހިންމު — ފޮޓޯ: ހެލްތުލައިން
ވަގުތީ ގޮތުން ގޭގައި ދެވިދާނެ އަވަސް ފަރުވާ
އަސާސީ ފަރުވާ
ކަންފަތަށް ފެން އެޅުމުން އެންމެ ފުރަތަމަ ކުރެވިދާނެ ކަމަކީ ކަންފަތުގެ ފޫޅުގައި ހިފާ ތިރިއަށް ދަމާލުމެވެ. މިގޮތަށް ހެދުމުން ގިނަ ފަހަރަށް ކަންފަތުގައި ހުރި ފެން ބޭރުވެގެން ދެއެވެ. އަދި ފެން އެޅިފައިވާ ކަންފަތް ތިރިއަށް ޖައްސާފައި ބޮލުގައި މަޑުމަޑުން ޓަކި ޖެހުމަކީވެސް ފެން ބޭރުކުރުމަށް އެހީވެދޭނެ ކަމެކެވެ.

ކަންފަތަށް ފެން އެޅި ކަންފަތުގައި ރިހޭ ނަމަ، ގޭގައި ކުރެވިދާނެ ބައެއް ކަންކަންދެނެގަތުން މުހިންމު — ފޮޓޯ: އިއަރޮލް
ވެކިއުމް އުސޫލު: ކަންފަތުން ފެން ބޭރުކުރުމުގެ އަނެއް ގޮތަކީ ވެކިއުމް އުސޫލު ބޭނުންކުރުމެވެ. މިގޮތުން ކަންފަތުގައި އަތްތިލަ އަޅާ އޮބާލުމަށްފަހު، ކުއްލިއަކަށް އަތް ދުރުކޮށްލުމުން ވެކިއުމް އުސޫލުން ފެން ބޭރުވެގެން ދާނެއެވެ. މިއީ ވަރަށް ރައްކާތެރި އަދި ފަސޭހަ ގޮތެކެވެ.
ޒައިތޫނި ތެލުގެ ބޭނުން: ކަންފަތަށް ކުޑަ މިންވަރެއްގެ ޒައިތޫނި ތެޔޮ އެޅުމަކީ ދެގޮތަކުން ފައިދާކުރާނެ ކަމެކެވެ. އެއްކަމަކީ ފެން ބޭރުވުމަށް އެހީވެދިނުމެވެ. ދެވަނަ ކަމަކީ ޖަރާސީމުތަކުން ރައްކާތެރިވުމަށް އެހީތެރިވެދިނުމެވެ. ޒައިތޫނި ތެޔޮ އަޅާއިރު ވަރަށް މަޑުމަޑުން، 2-3 ތިކި އެޅުމުން ފުދޭނެއެވެ.

ވަލްސަލްވާ މެނޫވަރ ނުވަތަ ހިންދިރުވުމުގެ އުކުޅުގެ މިސާލެއް
ވަލްސަލްވާ މެނޫވަރ ނުވަތަ ހިންދިރުވުމުގެ އުކުޅު؛ މިއީ ކަންފަތުގެ ޕްރެޝަރ ހަމަކުރުމަށް ކުރެވޭ ކަމެކެވެ. މިގޮތުން:
- އަނގަ ބަންދުކުރުން
- ނޭފަތުގައި ހިފެހެއްޓުން (އަނގައާއި ނޭފަތް އެކުގައި ބަންދުކޮށްލުމަށްފަހު ނޭވާ ލުމަށް މަސައްކަތް ކުރާށެވެ. އޭރުން އަނގައިން ބޭރަށް ވައި ނުދިއުމުން ކަންފަތުގައި ހަރުލާފައިހުރި ފެން ފައިބަފާނެއެެވެ.

ކަންފަތަށް ފެންއެޅުން، ސަމާލުކަން ދޭންޖެހޭ ކަމެއް — ފޮޓޯ:ހެލްތުލައިން
ހޫނުކުރުމުގެ އުސޫލު؛ ފެން އެޅިފައިވާ ކަންފަތް މަޑުމަޑުން ހޫނުކުރުމަކީވެސް ފެން ހިކުމަށް އެހީވެދޭނެ ކަމެކެވެ. މިކަމަށް ހެއަރ ޑްރައިޔަރެއް ބޭނުންކުރެވިދާނެއެވެ. ނަމަވެސް ވަރަށް ދުރުމިނެއްގައި ބަހައްޓައިގެން، އެންމެ ދަށް ހޫނުމިނުގައި ބޭނުންކުރަންވާނެއެވެ.
ސަމާލުވާންވީ ކަންތައްތައް؛ ކަންފަތަށް ފެން ވަނުމުން އަމަލުކުރާއިރު މި ކަންކަމަށް ސަމާލުވާންވާނެއެވެ:
- ކަންފަތުގެ އެތެރެއަށް އެއްވެސް އެއްޗެއް ނުވެއްދުން
- ބާރަށް ކަންފަތުގައި ނުހިފުން
- ގިނަ ވަގުތު ފަރުވާ ނުލިބި ހުރެއްޖެނަމަ ޑޮކްޓަރަށް ދެއްކުން
- އިންފެކްޝަންގެ އަލާމާތެއް ފެނިއްޖެނަމަ ވަގުތުން ޞިއްޙީ އެހީ ހޯދުން

ކަންފަތަށް ފެންއެޅުން، ސަމާލުކަން ދޭންޖެހޭ ކަމެއް — ފޮޓޯ:ހެލްތުލައިން
ކަންފަތަށް ފެން އެޅުމަކީ ގިނަފަހަރު މާ ބޮޑު ކަމަކަށް ނުވަތަ ނުރައްކާތެރި ކަމަކަށް ނުވިޔަސް ބައެއް ފަހަރު ކަންފަތުގައި ގަދައަށް ރިއްސައި އަދި އެހެންވެސް މައްސަލައެއް ދިމާވެދާނެ ކަމެކެވެ. އެހެންކަމުން މިފަދަ ހާލަތެއް ދިމާވެއްޖެނަމަ، މަތީގައި ބަޔާންކުރެވުނު ގޮތްތަކުގެ ތެރެއިން ގޮތަކަށް އަމަލުކުރުން މުހިންމެވެ. އަދި މައްސަލަ ހައްލުނުވާނަމަ ލަސްނުކޮށް ޞިއްޙީ ފަރުވާ ހޯދުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. އަދި ދެން އިތުރަށް މިފަދަ ކަންކަމުން ރައްކާތެރިވުމަށްޓަކައި ފެނަށް އެރޭއިރު ކަންފަތު ޕްލަގް ބޭނުންކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

