އިންޑިއާއިން ޕާކިސްތާނަށް ދިން ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އިންޑިއާގެ ފަސް ފައިޓާ ޖެޓާއި ގިނަ ޑްރޯން ވައްޓާލާފައިވާ ކަމަށް ޕާކިސްތާނުން ބުނެފިއެވެ.
އިންޑިޔާގެ އަސްކަރިއްޔާއިން ޕާކިސްތާނުގެ ރަށްތަކަށް އަމާޒުކޮށް ދީފައިވާ ޙަމަލާތަކުގައި ޢާންމުންގެ އަށް މީހުން މަރުވެ، އިތުރު 35 މީހުން ޒަޚަމުވެފައިވާ ކަން ޕާކިސްތާނުން ހާމަކޮށްފައެވެ. އަދި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ އިންޑިޔާގެ ޙަމަލާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ. އެއީ، ވަރަށް “ފިނޑި” އަމަލެއްގެ ގޮތުގައި އޭނާ ސިފަ ކުރައްވާފައެވެ.
ޕާކިސްތާނުގެ ދިފާޢީ ވަޒީރު ޚަވާޖާ އާސިފް އާއި ހަވާލާދީ މީޑިއާ ރިފޯޓުތައް ބުނާ ގޮތުގައި، އިންޑިއާއިން ދިން ވައިގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ޕާކިސްތާނުގެ ސިފައިން ވަނީ އިންޑިއާގެ ފަސް މަތިންދާބޯޓާއި ގިނަ ޑްރޯންތަކެއް ވައްޓާލާފައެވެ.
އިންޑިއާގެ އަސްކަރިއްޔާއިން ބުނާ ގޮތުގައި ހަމަލާތައް 9 ސަރަހައްދަކަށްވާއިރު، ހަމަލާތައް އަމާޒުކުރީ ޓެރަރިސްޓު ޓާގެޓުތަކަށް ކަމަށް އިންޑިއާއިން ވަނީ ބުނެފައެވެ. ނަމަވެސް ޕާކިސްތާނުން ބުނަނީ އިންޑިއާގެ ހަމަލާތައް އަމާޒުވީ އާންމުން ދިރިއުޅޭ ސަރަހައްދު ތަކަށް ކަމަށެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ވިދާޅުވަނީ ޕާކިސްތާނުގެ ރައްޔިތުންނާއި ސިފައިން މިފަދަ ކޮންމެ ނުރައްކަލަކާ ކުރިމަތިލުމަށް ތައްޔާރަށް ތިބިކަމަށާއި، ދުޝްމަނުންނަށް އެމީހުންގެ ނުބައި މަގުސަދު ހާސިލުކުރުމުގެ ފުރުސަތެއް ނުދޭއްވާނެކަމަށްވެސް ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ.

