ރާއްޖެއަކީ އިސްލާމިކް ފައިނޭންސްގެ ހަބަކަށް ހެދުމަށް ކުރާ މަސައްކަތުގައި، “މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭންސިންގ އިނީޝިއޭޓިވް” (މިސްފީ) އަކީ މުހިންމު މަޝްރޫޢެއްކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
މިސްފީ އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ގަވަރުނަރު މުނައްވަރު ވިދާޅުވީ، މި މަޝްރޫޢަކީ އެމްއެމްއޭގެ 2025 އިން 2027ގެ ސްޓްރެޓެޖިކް ޕްލޭންގައި ހިމެނޭ މުހިންމު އަމާޒެއް ކަމަށެވެ. އަދި މިއީ ރާއްޖޭގެ މާލީ ނިޒާމު އިތުރު ހަރުފަތަކަށް ގެންދާނެ މަޝްރޫޢެއްކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މެލޭޝިއާގެ ބޭންކް އިސްލާމްގެ ޞަދަޤާ ހައުސްގެ މައްޗަށް ޔުނިވަރސިޓީ އޮފް ސެލެންގޯއާ ގުޅިގެން ކުރެވުނު ދިރާސާތަކަށްފަހު ފަށާ މި މަޝްރޫޢަކީ، ރާއްޖެ އިސްލާމިކް ފައިނޭންސިންގެ ހަބެއްގެ ގޮތުގައި ސަރަޙައްދީ ފެންވަރުގައި ތަރައްޤީކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަމަށް ގަވަރުނަރު ވިދާޅުވިއެވެ.
“މި މަޝްރޫޢާއެކު އިޖުތިމާޢީ ހަމަހަމަކަން ޤާއިމްކުރެވި، އިޤްތިޞާދީ ބައިވެރިވުމާއި އިސްލާމިކް ފައިނޭންސްގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުމަށް މަގުފަހިވެގެންދާނެ،” ގަވަރުނަރު މުނައްވަރު ވިދާޅުވިއެވެ. އަދި މި އިނީޝިއޭޓިވްގެ އެންމެ މުހިންމު އަމާޒަކީ މުޖުތަމަޢުގެ ކޮންމެ ފަރުދަކީ އިޤްތިޞާދުގައި ބައިވެރިވުން އޮންނަ މީހަކަށް ހެދުންކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މިއީ ދިރާސީ ޢިލްމުގެ މައްޗަށް ސިޔާސަތުތައް ކަނޑައެޅިގެންދިޔުމުގައި ފާހަގަކޮށްލެވޭ މިސާލެއްކަމަށް ގަވަރުނަރު މުނައްވަރު ވަނީ ވިދާޅުވެފައެވެ. މި މަޝްރޫޢާއެކު ޤައުމުގެ އިޖުތިމާޢީ ހަމަހަމަކަމާއި، އެންމެންގެ އިޤްތިޞާދީ ބައިވެރިވުން އިތުރުކުރެވޭނެކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

