އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަޤާމަށް ޢާއިޝަތު އަސްނާ ހަމްދީ އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން ރުހުންދީފިއެވެ.
އަސްނާ އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ހުށައަޅުއްވާފައި ވަނީ އެ މަޤާމުގައި ހުންނެވި އަޙްމަދު އިމާދު މިދިޔަ މަހުގެ 17ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އެމަޤާމަށް، އަސްނާގެ ނަން ފޮނުވުމާއި ގުޅިގެން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދުވަނީ އޭނާއާއި އިންޓަރވިއުކޮށްފައެވެ. އޭނާގެ ތަޢުލީމާއި ލިބިފައިވާ ތަޖުރިބާއަށް ބެލުމަށްފަހު އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަޤާމަށް ޤާބިލު ފަރާތެއްކަމަށް ކޮމިޓީއަށް ފެންނަކަމަށް ކޮމިޓީންވަނީ ފާސްކޮށްފައެވެ. އަދި އެ ކޮމިޓީން ރުހުން ދިނުމަށް ނިންމާފައިވާކަމަށް ކޮމިޓީގެ މުޤައްރިރުވަނީ ވިދާޅުވެފައެވެ.
އެމްއެމްއޭގެ އެކި މަޤާމުތައް ޢާއިޝަތު އަސްނާ ހަމްދީ ފުރުއްވާފައިވާއިރު ޚިދުމަތާއި ގުޅިވަޑައިގަތީ 2008 ވަނަ އަހަރުގައެވެ.

