މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ފުރާޅު މައްޗަށް ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދުމަށް ގޮވާލާ ކުރިޔަށް ގެންދާ މުޒާހަރާގައި ބައިވެރި ނުވުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން އެ ކޮމިޝަނުގެ މުވައްޒަފުންނަށް އަންގައިފިއެވެ.
ޒުވާނުން ކުރަމުން އަންނަ މުޒާހަރާތަކުގައި ބައިވެރި ނުވުމަށައި އެތަނަށް ނުދިޔުމަށް އަންގާފައިވާކަމަށް އެޗްއާރުސީއެމްގެ ބައެއް މުވައްޒަފުން އަންނަނީ ބުނަމުންނެވެ.
މި ކަމާ ގުޅޭ ގޮތުން ބައެއް ނޫސްވެރިން ސުވާލުކުރުމުން، އެޗްއާރުސީއެމުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ ކޮމިޝަނުން މުޒާހަރާތައް މޮނިޓާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އޭގެ ތެރޭގައި، އޮން-ސައިޓް މޮނިޓަރިން އަދި މީޑިއާ މޮނިޓަރިން ވެސް ހިމެނޭ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
މިއީ މުޒާހަރާތަކުގައި އިންސާނީ ހައްގުތައް ހިމާޔަތްކޮށް ކުރިއެރުވުމަށް ކޮމިޝަންގެ މެންޑޭޓްގެ ދަށުން ކުރާ މަސައްކަތެެއް ކަން ފާހަގަކޮށް އެ ކޮމިޝަނުން ބުނީ ކޮމިޝަނުގެ އޯވަރސައިޓް މެންޑޭޓްގެ ދަށުން، މި މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން އަމަލުކުރަމުންދާ ގޮތް ކޮމިޝަނުން ބަލަމުންދާކަމަށެވެ.
ދުނިޔޭގެ ނޭޝަނަލް ހިއުމަން ރައިޓްސް އިންސްޓިޓިއުޝަންތަކުން (އެންއެޗްއާރްއައި) އަމަލުކުރާ އުސޫލުތަކުގެ ދަށުން، މިފަދަ މުއައްސަސާތަކުގެ މުވައްޒަފުން މަސްލަހަތު ފުށުއަރާނެފަދަ ހަރަކާތްތަކުގައި ބައިވެރިވުމުން ދުރުހެލިވެ ތިބެންޖެހޭއިރު އެފަދައިން، އެޗްއާރުސީއެމްގެ މުވައްޒަފުންނަށްވެސް މަސްލަހަތު ފުށުއަރާނެފަދަ ހަރަކާތްތަކުގައި ބައިވެރިވުމުން ދުރުހެލިވުމަށް އިރުޝާދު ދެވިފައިވާކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
ޔުމްނު އަށް އިންސާފު ހޯދާދިނުމަށް ގޮވާލާ ކޮންމެ ރެއަކު މުޒާހަރާތައް ކުރަމުންދާއިރު، ޒުވާނުން މުޒާހަރާއަށް ނުކުތީ އެ މައްސަލަ ބެލުމުގައި ފުލުހުން އިހްމާލެވެފައިވާކަމަށް ބުނެ އެތައް ފާޑުކިޔުންތަކެއް ފުލުހުންނާއި ސަރުކާރަށް އަމާޒުވެފައިވަނިކޮށެވެ.

