ޖަޕާން ސަރުކާރުން ރާއްޖޭގެ ކޯސްޓްގާޑަށް ދެ އުޅަނދު ހަދިޔާކުރުމަށް ނިންމައިފިއެވެ. މިކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު މިއަދު ހެނދުނު ޚާރިޖީ ވުޒާރާގައި ވަނީ ބާއްވާފައެވެ.
މި ރަސްމިއްޔާތުގައި ޖަޕާން ސަރުކާރުގެ “އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމް” ގެ ދަށުން، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް.) ކޯސްޓްގާޑުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި “ހާބަރ ކްރާފްޓް ޕެޓްރޯލް ވެސަލް” ގެ ދެ އުޅަނދު ހަދިޔާކުރުމާ ގުޅޭ “އެކްސްޗޭންޖް އޮފް ނޯޓްސް” ގައި ވަނީ ސޮއި ކޮށްފައެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލެވެ. އަދި ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމީކޯއެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ، “މި މަޝްރޫޢުގެ ދަށުން ހަދިޔާ ކުރެވޭ އުޅަނދުތައް އިތުރުވުމާއި ގުޅިގެން، ކޯސްޓްގާޑުގެ ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ހިންގުމާއި، ކަނޑުގެ ޤާނޫނު ތަންފީޒުކުރުމާއި، އަދި މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމުގެ ޤާބިލުކަން އިތުރުވެގެންދާނެ” ކަމަށެވެ. އަދި ދެޤައުމުގެ ދެމެދުގައި އޮތް ގާތް ޒަމާންވީ ރަޙްމަތްތެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ޖަޕާނު ސަރުކާރުން ދެއްވާ ދީލަތި އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ.
ޖަޕާނު ސަރުކާރުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން 400 މިލިއަން ޖަޕާނީސް ޔެން (2.8 މިލިއަން އެމެރިކާ ޑޮލަރު) ހިލޭ އެހީގެ ގޮތުގައި ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ރަސްމިއްޔާތުގައި ޚާރިޖީ މިނިސްޓްރީގެ އިސް ވެރިންނާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އަދި ޖަޕާނުގެ އެމްބަސީގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

