ރާއްޖޭގެ އެކި ހިސާބުތަކުގައި އަޅަމުންދާ ޕޮލިސް ސްޓޭޝަންތަކުގެ ތެރެއިން މިއަހަރު 57 ރަށެއްގައި ޕޮލިސް ސްޓޭޝަންތަކުގެ މަސައްކަތް އެއްކޮށް ނިންމާލުމަށް އަމާޒުހިފާފައިވާކަމަށް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
ފުލުހުން ބުނި ގޮތުގައި މިވަގުތު ޖުމްލަ 85 ރަށެއްގެ ޕޮލިސް ސްޓޭޝަންތަކުގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިއަށްދާއިރު، މި މަޝްރޫޢުގެ ޖުމްލަ އަގަކީ 681,501,117.51 ރުފިޔާއެވެ.
ރައްޔިތުންނާ ގާތުން ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން، ފުލުހުންގެ ޚިދުމަތް މިހާތަނަށް ގާއިމުވެފައިނުވާ ރަށްރަށުގައި އެ ޚިދުމަތް ގާއިމުކުރުމުގެ މަސައްކަތް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ދަނީ ކުރިއަށް ގެންދަވަމުންނެވެ.
މި މަޝްރޫޢާ ގުޅޭގޮތުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެފައިވަނީ، 2027 ވަނަ އަހަރުގެ ކުރިން ފުލުހުންގެ ޚިދުމަތް ގާއިމުވެފައިނުވާ ހުރިހާ ރަށެއްގައި ޕޮލިސް ސްޓޭޝަންތައް ގާއިމުކުރުމަށް ވަނީ އަމާޒުހިފާފައި ކަމަށެވެ.
އަދި ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިހާރު ބައެއް ރަށްރަށުގައި ކުއްޔަށް ހިފާފައިވާ ތަންތަނުގައި ޕޮލިސް ސްޓޭޝަންތައް ހިންގަމުންދާއިރު، އެފަދަ ރަށްރަށުގައި ދާއިމީ ޕޮލިސް ސްޓޭޝަންތައް ތަރައްޤީކުރެވޭނީ، މިހާރު ޕޮލިސް ސްޓޭޝަންތައް ނެތް ރަށްރަށުގައި އެ ޚިދުމަތް ފެށުމަށްފަހު ކަމުގައެވެ.

