ވާނުވާ ބަންދުގައި ތިބި ފަރާތްތަކަށް އެއް ފުރުޞަތު ދިނުމުގައި އެއްވެސް މައްސަލައެއް އުޅޭނެތޯ ބައްލަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މިކަން ރައީސް ފާހަގަކުރެއްވީ ވާނުވާ ބަންދުގައި ތިބި ފަރާތްތަކާ ގުޅޭގޮތުން ވަކާލާތުކުރައްވާ ބޭފުޅުންނާއެކު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައެވެ.
ބައްދަލުވުމުގައި ވަކާލާތުކުރައްވާ ފަރާތްތަކުން ފާހަގަކުރެއްވި ގޮތުގައި، އެހެން ސަރުކާރުތަކާ އަޅާބަލާއިރު މި ސަރުކާރުން ވާނުވާ ބަންދުގެ މައްސަލައަށް ޙައްލު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވައެވެ. އަދި މި މަސައްކަތްތަކުން ރަނގަޅު ނަތީޖާއެއް ފެނިގެންދާނެ ކަމުގެ އުންމީދު އެބޭފުޅުން ފާޅުކުރެއްވިއެވެ.
އެބޭފުޅުން ވަނީ ސަރުކާރުން އެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތްތަކާ ގުޅޭގޮތުން އެބޭފުޅުންގެ ޚިޔާލުތައް ހިއްސާކުރެއްވިއެވެ. މިގޮތުން އެބޭފުޅުން ހުށަހެޅުއްވި ކަންތައްތަކުގެ ތެރޭގައި،
- ވާނުވާ ބަންދުގައި ތިބޭ މީހުން ވަކި އުސޫލެއްގެ ދަށުން އިލެކްޓްރޯނިކް ވަސީލަތްތަކުގެ އެހީގައި މޮނިޓަރކޮށް ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކުރުމަށްފަހު، އެއް ފުރުސަތު ދިނުމަށް ފެންނަކަމަށް
- މިފަދަ މައްސަލަތައް އަވަސް މުއްދަތެއްގައި ނިންމުމަށްޓަކައި ކޯޓުތަކަށް ބޭނުންވާ އިދާރީ އަދި ޖާގައިގެ ކަންކަން
- ވާނުވާ ބަންދުގައި ތިބޭ މީހުންނަށް އިންސާނީ ކަރާމާތަށް އުނިކަން ލިބޭފަދަ ކަންކަން ދިމާވާކަން
- އިސްލާމްދީނުގައި މިފަދަ ކަންކަމާމެދު އޮންނަ ރިވެތި އުސޫލުތައް
- އިހުސާންތެރިވުމާއި، އަދުލުވެރިކަން އިސްކުރުމާއި، އަނިޔާވެރިކަމާ ދެކޮޅަށް ދީނުގައި އައިސްފައިވާ ކަންކަން
ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ ފުރިހަމަ ކަފާލާތުގެ ނިޒާމެއް ތަޢާރަފުކުރުމަކީ ސަރުކާރުގެ މައިގަނޑު ސިޔާސަތެއްކަމަށެވެ. އަދި ޕްރޮސިކިއުޓަރ ޖެނެރަލް އަދި އެޓަރނީ ޖެނެރަލްއާ މަޝްވަރާކުރައްވައިގެން، މޮނިޓަރިންގ ނިޒާމެއްގެ ދަށުން އެއް ފުރުސަތު ދިނުމުގައި އެއްވެސް ހުރަހެއް ހުރިތޯ ބައްލަވާނެކަމަށް ވިދާޅުވިއެވެ. އަދި ކޯޓު ކޮމްޕްލެކްސްގެ މަސައްކަތް ކުރިއަށްދާކަމަށާއި، ވަގުތީގޮތުން ނަމަވެސް މައްސަލަތައް އަވަހަށް ބެލޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި، ޖަލުތަކުގެ ހާލަތު ބައްލަވައި، ބައްދަލުވުމުގައި ފާހަގަކުރެވުނު އެހެނިހެން ކަންކަމަށްވެސް ޚާއްސަ ސަމާލުކަމެއް ދެއްވާނެކަމަށް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި، ވާނުވާ ބަންދުގައި ތިބޭ މީހުންގެ ޙައްޤުތަކަށް ވަކާލާތުކުރައްވާ ފަރާތްތަކުން ވަނީ އެ މައްސަލައަށް ކުރު މުއްދަތެއްގައި ގެނެވިދާނެ ހައްލުތަކުގެ ހުށަހެޅުންތަކެއް ހިމެނޭ ކަރުދާހެއް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅުއްވާފައެވެ. މި ކަރުދާހުގައި ވާނުވާ ބަންދާ ގުޅޭ ތަފާސްހިސާބުތަކާއި އެކި މައްސަލަތަކުގެ މަޢުލޫމާތު ހިމަނާފައިވެއެވެ.
ބައްދަލުވުމުގައި ވަކާލާތުކުރައްވާ ފަރާތްތަކުން ވަނީ ވާނުވާ ބަންދުގެ މައްސަލައަށް އަވަސް ޙައްލެއް ހޯދުމަށް ހުށަހަޅާ ކަރުދާހެއްވެސް ރައީސަށް އަރުވާފައެވެ. މި ކަރުދާހުގައި ވާނުވާ ބަންދުގެ ތަފާސް ހިސާބުތަކާއި އެކި މައްސަލަތަކުގެ މަޢުލޫމާތު ހިމެނިފައިވާ ކަމަށް ވެއެވެ.

