ދ. ވާނީގައި ހުންނަ ފުލުހުންގެ ޓްރެއިނިންގ ސެންޓަރުގައި ތަމްރީނު ހަދަމުން ދަނިކޮށް ހާލު ސީރިއަސްވެގެން ހޮސްޕިޓަލަށް ގެންދެވުނު ޕޮލިސް ކޮންސްޓަބްލް ޙުސައިން ގާއިސް (34 އަހަރު) މިއަދު ހަވީރު ވަނީ ނިޔާވެއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ 40 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިންގ ކޯހުގައި ބައިވެރިވެ ތަމްރީނު ފުރިހަމަކުރަމުން ދިޔަ ޙުސައިން ގާއިސްގެ ހާލު ދެރަވެގެން އެންމެ ފުރަތަމަ ގެންދެވުނީ ވާނީ ހެލްތު ސެންޓަރަށެވެ. އޭގެ ފަހުން އިތުރު ފަރުވާ ދިނުމަށްޓަކައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް ބަދަލުކުރެވުނެވެ.
އައިޖީއެމް ހޮސްޕިޓަލުގައި ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާ ދެމުން ދަނިކޮށް މިއަދު ހަވީރުގެ ވަގުތެއްގައި އޭނާ ވަނީ ނިޔާވެފައެވެ. މަރުޙޫމްގެ ޢާއިލާއަށާއި، އެންމެހައި ރައްޓެހިންނަށާއި އެކުގައި ތަމްރީނު ފުރިހަމަ ކުރަމުން ދިޔަ ފުލުހުންނަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ތަޢުޒިޔާ ފޮނުވާފައެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން ފުލުހުންގެ އިސްވެރިން ވަނީ މަރުޙޫމްގެ އާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން މިންވަރުކުރެއްވުން އެދި ދުޢާ ދަންނަވާފައެވެ. އަދި މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރެއްވުން އެދި ދުޢާ ދަންނަވާފައިވެއެވެ.
އިންނާ ލިއްލާހި ވައިންނާ އިލައިހި ރާޖިޢޫން!

