ކުރީގެ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން ޝަމްއާން ވަހީދުގެ ޝަރީއަތް ނިމެންދެން ބަންދުކުރި އަމުރު އިސްތިއުނާފްކޮށް ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ވެސް ބަލައިނުގަތުމަށް ނިންމައިފިއެވެ. ޝައްމާން މަގާމުން ވަކިކޮށްފައި ވަނީ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ބިދޭސީންގެ އަތުން ފައިސާ ހޯދަމުން އައިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައެވެ.
މި މައްސަލައިގައި ޝަމްއާނާއި އިތުރު ތިން އޮފިސަރަކު މާޗު 22 ވަނަ ދުވަހު ހައްޔަރުކުރުމަށްފަހު، ކްރިމިނަލް ކޯޓުން 15 ދުވަހުގެ މުއްދަތަށް ބަންދުކުރި އަމުރު އިސްތިއުނާފްކުރުމަށް މާޗު 27 ގައި ހައިކޯޓަށް ހުށަހެޅި ނަމަވެސް، އެ ކޯޓުގެ ރެޖިސްޓްރާ ވަނީ މައްސަލަ ބަލައިނުގަތުމަށް ނިންމާފައެވެ. އެހެންނަމަވެސް، މި ނިންމުން މުރާޖަޢާކުރުމަށް ހުށަހެޅުމުން ހައިކޯޓުގެ ތިން ފަނޑިޔާރުން ވަނީ ރެޖިސްޓްރާގެ ނިންމުން ބާޠިލުކޮށްފައެވެ.
ފުލުހުން ބުނާ ގޮތުގައި، މި މައްސަލައިގައި އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި ބިދޭސީއަކު ޝަމްއާންގެ އަމުރަށް ދޫކޮށްލުމަށްފަހު، އެ މީހާގެ އަތުން ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވެއެވެ. "ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދާ ހައްޔަރުކުރުމުގެ ޒިންމާ އާންމުކޮށް ކުރަމުންދާ މުވައްޒަފުންތަކެއް، އެ މުވައްޒަފުންގެ މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން" މި ޢަމަލު ހިންގާފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މައްސަލައިގެ ތަޙުޤީޤުގައި ޝަމްއާންގެ ގެއިން 257,475 ރުފިޔާ އާއި 10,000 ޑޮލަރުގެ އިތުރުން އެހެނިހެން ބޭރު ފައިސާ އަދި އިލެކްޓްރޯނިކް ސާމާނު ފުލުހުން ވަނީ ހޯދާފައެވެ. މި ފައިސާއަކީ ބިދޭސީންގެ އަތުން ހޯދާފައިވާ ފައިސާ ކަމަށް ތުހުމަތުކުރެވެއެވެ.
ޝަމްއާންގެ ފުރަތަމަ ބަންދު މުއްދަތު ހަމަވުމުން، ކްރިމިނަލް ކޯޓުން ވަނީ އޭނާ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. މި އަމުރު ހައިކޯޓުން ވެސް ވަނީ ދަމަހައްޓާފައެވެ. އަދި މިހާރު ސުޕްރީމް ކޯޓުން ވަނީ މި މައްސަލަ ބަލައިނުގަތުމަށް ނިންމާފައެވެ.

