މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗެއަރޕަރސަންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައިފިއެވެ. މި މަޤާމަށް އެކަށީގެންވާ އަދަދަކަށް އެޕްލިކޭޝަން ލިބިފައިނުވާތީ، އަލުން މި ފުރުޞަތު ހުޅުވާލަން ޖެހުނު ކަމަށް ޕެންޝަން އޮފީހުން މަޢުލޫމާތު ދެއްވިއެވެ.
މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ފުރަތަމަ ފަހަރަށް ހުޅުވާލާފައިވަނީ މިދިޔަ އެޕްރީލް މަހުގެ 29 ވަނަ ދުވަހުން ފެށިގެން މޭ މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް، ކުރިން ހުޅުވާލެވުނު ފުރުޞަތުގައި މި މަޤާމަށް ކުރިމަތިލެއްވި ފަރާތްތަކުން އަލުން އެޕްލިކޭޝަން ހުށަހަޅަން ނުޖެހޭނެ ކަމަށް ޕެންޝަން އޮފީހުން ވަނީ ހާމަކޮށްފައެވެ.
ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއަރޕަރސަން ހޮވުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެކަމަށް ޚާއްޞަ ސިލެކްޝަން ކޮމިޓީއަކުންނެވެ. މި ކޮމިޓީން މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން 3 ފަރާތެއްގެ ނަން ޝޯޓްލިސްޓް ކުރުމަށްފަހު، ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން އެ ފަރާތްތަކުގެ ޝަރުޠު ހަމަވޭތޯ ބަލާ ޔަޤީން ކުރާނެއެވެ.
އިންޓަވިއު އަދި ޝޯޓްލިސްޓިންގގެ މަރުހަލާތައް ނިމުމުން، ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއަރޕަރސަންގެ މަޤާމަށް މީހަކު ޢައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ. މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކަށް މިހާރު ވަނީ އަލުން ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލެވިފައެވެ.

