ސިނަމާލެ ބްރިޖުގެ އިންސްޕެކްޝަން މަސައްކަތްތައް ނިންމާލުމަށްފަހު، ބްރިޖްގެ ހާލަތު ވަރަށް ރަނގަޅު ކަމަށް އިންސްޕެކްޝަންގެ މަސައްކަތުގައި ހަރަކާތްތެރިވި ޓީމުން ހާމަކޮށްފިއެވެ.
ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިންހުއާ ވިދާޅުވެފައިވަނީ، އިންސްޕެކްޝަން މަސައްކަތުގައި އުޅުނު ޒުވާން ޓީމާ ބައްދަލުކުރައްވާފައިވާ ކަމަށެވެ. "އެ މީހުންގެ ފުރިހަމަ އިންސްޕެކްޝަނަށް ބަލާއިރު، ބްރިޖަށް ހަތް އަހަރު ވެގެންދިޔައިރު ވަރަށް ރަނގަޅު" ކަމަށް ސަފީރު ފާހަގަކުރެއްވިއެވެ.
30 އޮގަސްޓް 2018 ގައި ހުޅުވުނު މި ބްރިޖަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، އޭރުގެ ހައުސިންގ މިނިސްޓަރު ޑރ. މުއިއްޒުގެ ސީދާ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންގޮސް ކާމިޔާބުކަމާއެކު ނިންމާލެވުނު މަޝްރޫއެކެވެ. ތިން އަހަރާއި 11 މަސްދުވަހުގެ ތެރޭގައި ނިމިގެންދިޔަ މި ބްރިޖު ހުޅުވުމާއެކު، ޗައިނާއާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމުގެ ރަމްޒަކަށް ވެގެންދިޔައެވެ.
ސިނަމާލެ ބްރިޖު ހުޅުވުމާއެކު، މާލެއާއި ހުޅުމާލެ އަދި ހުޅުލެއާ ދެމެދު ދަތުރުފަތުރު ކުރުމުގައި ރައްޔިތުންނަށް ގިނަގުނަ ފަސޭހަތަކެއް ލިބިގެންދިޔަކަން ފާހަގަކުރެވެއެވެ. މިހާރު ހަތް އަހަރު ފުރިގެންދާއިރުވެސް ބްރިޖުގެ ހާލަތު ރަނގަޅުކަން އިންސްޕެކްޝަން ޓީމުން ކަށަވަރުކޮށްދީފައިވާކަން ފާހަގަކުރެވެއެވެ.

