ހދ. ނާވައިދޫ ބަނދަރު މަސައްކަތްފަށައި ބާރު ސްޕީޑްގައި ކުރިޔަށްދާ ކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން މިއަދު ހާމަކޮށްފިއެވެ.
މި މަޝްރޫޢުގެ ދަށުން ނާވައިދޫގެ ބަނދަރު ފުޅާކޮށް، ބަނދަރުގެ ވަށައިގެން ތޮށިލައި، އަދި ބޭރުތޮށި ޖަހަންވަނީ ނިންމާފައެވެ.
ޖުމްލަ 51،320،956.65 ރުފިޔާގެ އަގުހުރި މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ބަނދަރުގެ އެއްގަމު ތޮށި ޖެހުމުގެ މަސައްކަތްތައްކަން މިނިސްޓްރީން ވަނީ ބުނެފައެެވެ.
މި މަޝްރޫޢު ނިމުމުން ނާވައިދޫގެ ރައްޔިތުންނަށް ލިބޭނެ ފައިދާތަކުގެ ތެރޭގައި ބަނދަރަށް އަރާ ފޭބުމުގެ ފަސޭހަކަމާއި، ދަތުރުފަތުރުގެ ޚިދުމަތްތައް ފުޅާވެގެން ދިއުން ހިމެނެއެވެ. އަދި މަސްވެރިކަމާއި ވިޔަފާރިއަށް ވެސް މީގެ ސަބަބުން ކުރިއެރުން ލިބިގެންދާނެކަމަށް ބެލެވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަނދަރު ހެދުމާއި އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުތަކަށް ހާއްސަ ސަމާލުކަމެއް ދެއްވައިގެން ކުރިއަށް ގެންގޮސް ދެއްވަނީ ރަށްރަށުގެ އިޤްތިޞާދީ ދުވެލި އިތުރުކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމުގެ މަޤްޞަދުގައެވެ.

