ތެލެސީމިއާ ކުދީންނަށް އެއްވެސް ތަފާތު ކުރުމެއް ނެތި، ދިވެހި މުޖްތަމަޢުން ލިބެން އޮތް ކޮންމެ ފުރުޞަތެއް ފަހިކޮށް ދޭން ޖެހޭ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރާ ބައިނަލް އަޤްވާމީ ތެލެސީމިއާ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ ތެލެސީމިޔާ ކުދިންނަށް އުފާފާގަތި ދިރިއުޅުމަކަށް ކުރާ އުންމީދުތައް ހަގީގަތަކަށް ވުމަކީ، ޤައުމަށް ލިބޭނެ އިތުރު ކުރިއެރުމަކާއި ކާމިޔާބީއެއް ކަމަށެވެެ.

މިއަދު ފާހަގަކުރާ ބައިނަލް އަޤްވާމީ ތެލެސީމިއާ ދުވަހުގެ މުނާސަބަތުގައި ރައީސް ވަނީ ހޮތޯބެއް ފޮނުވާފައެވެ. މި ހިތޯބުގައި ވަނީ ޤައުމުން ލިބިދޭ ހުރިހާ ފުރުޞަތަކާއި ޙައްޤުތަކެއް، ތެލެސީމިއާ ކުދީންނަށް ފުރިހަމައަށް ލިބިދެވޭނެކަން ޢަމަލާއި ބަހުން އެންމެންވެސް ސާބިތުކޮށްދޭން ޖެހޭކަމަށާއި، އާބާދީގެ ނިސްބަތުން ބަލާއިރު، ތެލެސީމިއާ ކުދީންގެ އިންސައްތަ އެންމެ މަތި އެއް ޤައުމަކީ ދިވެހިރާއްޖެކަމުގައި ފާހަގަކުރައްވައި ތެލެސީމިއާ އާއި ގުޅޭ ހޭލުންތެރިކަން އިތުރުކުރުމަށާއި، ފަރުވާ ދެވޭނެ ވަސީލަތްތައް ފަހިކުރުމަށް ދިވެހި ރާއްޖޭގައި ޚާއްޞަ ސަމާލުކަމެއް ދޭން ޖެހޭކަމުގައި ފާހަގަކުރައްވާފައިވެއެވެ. އަދި ތެލެސީމިއާ ކުދީންގެ ޞިއްޙަތު ސަލާމަތުން ބޭތިއްބުމަށާއި، ގަވާއިދުން ފަރުވާ ދިނުމަށް، އިސްކަން ދިނުމަކީ ކަމާބެހޭ އިދާރާތަކުގެ ޒިންމާއެއްކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ސަރުކާރުން ތެލެސީމިއާ ކުދީންނަށް ޚާއްޞަ ސަމާލުކަމެއް ދެއްވާކަން ފާހަގަކުރައްވައި، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި، ތެލެސީމިއާ ކުދީންނަށްޓަކައި މި ސަރުކާރުން ހާމަކުރެއްވި ތަޞައްވަރާއި ވެވަޑައިގެންނެވި ވަޢުދުތައް ހަގީގަތަކަށް ހައްދަވައިދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ. އަދި ތެލެސީމިއާއިގުޅޭ ކަންކަމުގައި، އެތައް އަހަރެއް ވަންދެން ބޮއްސުންލާފައިހުރި ކަންކަން، ހަމަމަގަށް އަޅުވަން މަސައްކަތްކޮށް، މި ސަރުކާރުން ތެލެސީމިއާ ކުދިންނަށާއި، އެކުދިންގެ ޢާއިލާތަކަށް ހިތްހަމަޖެހުމާއި ފާގަތިކަން ގެނަސްދޭނެކަން އެމަނިކުފާނުގެ ޚިޠާބުގައި ހާމަކުރައްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބު ނިންމަވާލައްވާފައިވަނީ ލޭ ހަދިޔާކުރުމަށް ބާރުއަޅުއްވައި އެކަމުން ﷲގެ ޙަޟްރަތުން ލިބޭނެ އަޖުރާއި ދަރުމަ ގިނަގުނަކަން ފާހަގަކުރައްވަމުންނެވެ. އަދި އެމަނިކުފާނު ވަނީ ތެލެސީމިއާގެ އުނދަގޫ ތަޙައްމަލުކުރާ ކޮންމެ ކުއްޖަކަށް އެހީތެރިވުމުގައި މުޅި ދިވެހި މުޖްތަމަޢު ބައިވެރިވުމަށް އިލްތިމާސްކުރައްވާފައެވެ.
ދުނިޔޭގެ ތެލެސީމިއާ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ ސޯޝަލް މީޑިއާގައިވެސް ޕޯސްޓެއް ޙިއްޞާކުރައްވާފައެވެ. މިގޮތުން އެމަނިކުފާނުގެ ޕޯސްޓުގައިވެސް އެއްވެސް ތަފާތު ކުރުމެއް ނެތި، ދިވެހި މުޖުތަމަޢުން ލިބެން އޮތް ކޮންމެ ފުރުޞަތެއް، ތެލެސީމިއާ ކުދީންނަށް ފަހިކޮށް ދޭން ޖެހޭކަން ފާހަގަކުރައްވައި، އެ ކުދީން އުފާފާގަތި ދިރިއުޅުމަކަށް ކުރާ އުންމީދު ހަގީގަތަކަށް ވުމަކީ، ޤައުމަށް ލިބޭނެ އިތުރު ކުރިއެރުމަކާއި ކާމިޔާބީއެއްކަމުގައި ވިދާޅުވެފައިވެއެވެ.

