މެލޭޝިޔާގެ ޔުނިވާސިޓީ އިސްލާމް ސެލަންގޯއާއެކު ޒުވާން ޚަޠީބުން ތަމްރީނު ކުރުމަށް ކުރިއަށް ގެންދެވިދާނެ ޕްރޮގުރާމުތަކާ ގުޅޭގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި، މެލޭޝިޔާގެ ޔުނިވާސިޓީ އިސްލާމް ސެލަންގޯގެ ވައިސް ޗާންސެލަރ ދާތޯ ޕްރޮފެސަރ ޑރ. މުޙައްމަދު ފަރީސް ރަވީ ބިން އަބްދުﷲ މަޝްވަރާ ކުރައްވައިފިއެވެ.
މި މަޝްވަރާ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ އިމާމުންނާއި، ޒުވާން ޚަޠީބުން ތަމްރީނު ކުރުމަށް ކުރިއަށް ގެންދެވިދާނެ ޕްރޮގުރާމުތަކާއި ޙަލާލް މެނޭޖްމަންޓު ދާއިރާ ފަދަ މުހިއްމު ދާއިރާތަކުން މީހުން ބިނާ ކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.
މިމަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ވަނީ މެލޭޝިއާގެ ސެލެންގޯ އިސްލާމިކް ޔުނިވަރސިޓީއާއި ދެމެދުވެސްވަނީ ފަހުމުނާމާއެއް އެކުލަވާލާފައެވެ.
ހަމައެހެންމެ، މުވައްޒަފުންނާއި ދަރިވަރުންނަށް އެކްސްޗޭންޖް ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެކަމަށްވެސް ޤައުމީ ޔުނިވަރސިޓީއިން ވަނީ ބުނެފައެވެ.

