ގިނަ ބަޔަކަށް ސައިނަސް އިންފެކްޝަން އާއި އަރިދަފުސް ރޯގާއަކީ އެއްކަމެއް ކަމަށް ހީވެދާނެއެވެ.ނަމަވެސް މިއީ ވަރަށް ތަފާތު ދެ ބައްޔެވެ. މި ދެ ބަލީގެ އަލާމާތްތަކާއި، ފަރުވާ އަދި ދެމިގެންދާ މުއްދަތުވެސް ތަފާތެވެ.
އަރިދަފުސް ރޯގާ؛ އަރިދަފުސް ރޯގާއަކީ ރައިނޯވައިރަސް ސަބަބުން ޖެހޭ ބައްޔެކެވެ. އާންމު އަރިދަފުސް ރޯގާގައި ފާހަގަކުރެވޭ އަލާމާތްތަކުގެ ތެރޭގައި:
- ކިނބިހި އެޅުން
- މެދުމިނުގެ ހުން އައުން
- މުޅި ގައިގައި ރިއްސުން
- ނޭފަތުން ފެން، ރޯގާ އައުން
ސައިނަސް އިންފެކްޝަން؛ ސައިނަސް އިންފެކްޝަނަކީ ނޭފަތުގެ ސައިނަސް ކެވިޓީތަކުގައި ޖެހޭ އިންފެކްޝަނެކެވެ. މި ބައްޔަކީ ބެކްޓީރިއާ، ވައިރަސް ނުވަތަ ފަންގަސް ސަބަބުން ޖެހިދާނެ ބައްޔެކެވެ. އަދި ބައެއް ފަހަރު އެލަރޖީ ނުވަތަ ސައިނަސްގެ އޮނިގަނޑަށް އަންނަ ބަދަލުތަކުގެ ސަބަބުންވެސް މި ބަލި ޖެހިދާނެއެވެ.

ސައިނަސް އިންފެކްޝަން އާއި އަރިދަފުސް ރޯގާ: ތަފާތު ދެނެގަތުން މުހިންމު — ފޮޓޯ ؛ ހެލްތީލައިފް
ސައިނަސް އިންފެކްޝަންގެ އަލާމާތްތަކުގެ ތެރޭގައި؛
- މޫނުގައި ރިއްސުން،
- ނޭފަތް ބެދުން،
- ނޭފަތުން އަންނަ އަރިދަފުސް ތަތްވެފައި ފެހި ނުވަތަ ރީނދޫ ކުލައިގައި ހުރުން،
- ކެއްސުން އަދި ކަރުގައި ރިއްސުން،
- ބޮލުގައި ރިއްސުން،
- ޚާއްޞަކޮށް ހެނދުނު ވަގުތުތަކުގައި ލާ ނޭވާގައި ނުބައި ވަހެއް ދުވުން،
- ބައެއް ފަހަރު ހުން އައުން
އަލާމާތްތަކުގެ ތަފާތު
މި ދެ ބަލީގެ އެންމެ މުހިންމު ތަފާތަކީ ބަލި ރަނގަޅުވާން ނަގާ މުއްދަތެވެ. އާންމު އަރިދަފުސް ރޯގާއެއް ނަމަ 5-10 ދުވަހުގެ ތެރޭގައި ރަނގަޅުވާން ފަށައެވެ.
ނަމަވެސް ސައިނަސް އިންފެކްޝަނެއް ނަމަ، މި ބަލި 10 ދުވަހަށްވުރެ ގިނަ ދުވަހު ދެމިގެން ހިނގައިދާނެއެވެ. ގާތްގަނޑަކަށް ހަތަރު ހަފުތާއެއްހާ ދުވަސް ވެސް ނަގާފާނެއެވެ.

ސައިނަސް އިންފެކްޝަން އާއި އަރިދަފުސް ރޯގާ: ތަފާތު ދެނެގަތުން މުހިންމު — ފޮޓޯ ؛ ހެލްތީލައިފް
ފަރުވާގެ ތަފާތު
އަރިދަފުސް ރޯގާއަށް ކުރެވޭ ފަރުވާއަކީ މައިގަނޑު ގޮތެއްގައި އަލާމާތްތައް ފަސޭހަކުރުމަށް ކުރެވޭ ފަރުވާއެވެ. މީގެ ތެރޭގައި އޯވަރ-ދަ-ކައުންޓަރ ބޭސް ބޭނުންކުރުމާއި، އަރާމުކުރުމާއި އަދި ގިނައިން ފެންބުއިން ހިމެނެއެވެ. ނަމަވެސް ސައިނަސް އިންފެކްޝަނަށް ޑޮކްޓަރެއްގެ އިރުޝާދުގެ ދަށުން އެންޓިބަޔޮޓިކްސް، ނޭފަތަށް ޖަހާ ސްޕްރޭ އަދި ރިއްސުން ކަނޑުވާ ބޭސް ބޭނުންކުރަން ޖެހިދާނެއެވެ. ބައެއް ހާލަތްތަކުގައި ސަރޖަރީ ކުރަންވެސް ޖެހިދާނެއެވެ.
ނުރައްކާތެރިކަމުގެ މިންވަރު
އަރިދަފުސް ރޯގާއަކީ އާންމުކޮށް ނުރައްކާތެރި ބައްޔަކަށް ނުވިޔަސް، ބައެއް ފަހަރު ސައިނަސް އިންފެކްޝަން ފަދަ ބެކްޓީރިއަލް އިންފެކްޝަންތަކަށް މަގުފަހިވެދާނެއެވެ. އެހެންނަމަވެސް ސައިނަސް އިންފެކްޝަން ފަރުވާ ނުކޮށް ދޫކޮށްލައިފިނަމަ، ލޮލުގެ އިންފެކްޝަން ނުވަތަ މެނިންޖައިޓިސް ފަދަ ނުރައްކާތެރި ބަލިތަކަށް މަގުފަހިވެދާނެއެވެ.

ސައިނަސް އިންފެކްޝަން އާއި އަރިދަފުސް ރޯގާ: ތަފާތު ދެނެގަތުން މުހިންމު — ފޮޓޯ ؛ ހެލްތީލައިފް
ރައްކާތެރިވުމުގެ ފިޔަވަޅުތައް
މި ދެ ބައްޔަށް ރައްކާތެރިވުމަށްޓަކައި އަތްދޮވުމާއި، ރަނގަޅަށް ނިދުމާއި، ފުރިހަމަ ކާނާ ކެއުމާއި އަދި ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވުން މުހިންމެވެ. އަދި އަލާމާތްތައް ފެނިއްޖެނަމަ، ވަގުތުން ޑޮކްޓަރަކަށް ދެއްކުމަކީ އެންމެ ރަނގަޅު ގޮތެވެ
- އަތްތައް ރަނގަޅަށް ދޮވުން
- ނޭފަތާއި ކަރު ސާފުތާހިރުކޮށް ބެހެއްޓުން
- ފިނިން ރައްކާތެރިވުން
- ދުންފަތުގެ އިސްތިޢުމާލުން ދުރުހެލިވުން
- ގަވާއިދުން ނިދުމާއި ރަނގަޅު ކާނާ ކެއުން
ސައިނަސް އިންފެކްޝަން އާއި އަރިދަފުސް ރޯގާއަކީ ތަފާތު ދެ ބައްޔެވެ. މި ދެ ބަލި ދެނެގަތުމަކީ އެކަށީގެންވާ ފަރުވާ ހޯދުމަށް ވަރަށް މުހިންމު ކަމެކެވެ. އަދި މި ދެ ބައްޔަށް ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީވެސް ކޮންމެ މީހެއްގެ ޒިންމާއެކެވެ.
މި ދެ ބަލީގެ އަލާމާތްތައް ރަނގަޅަށް ދެނެގަނެ، އެކަށީގެންވާ ފަރުވާ ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ. ޚާއްޞަކޮށް އަރިދަފުސް ރޯގާ ޖެހި ގިނަ ދުވަސްވާނަމަ، އެއީ ސައިނަސް އިންފެކްޝަނަކަށް ބަދަލުވެދާނެކަން ދެނެގަތުން މުހިންމެވެ.

