ސަރުކާރުން ހުޅުމާލޭގައި ތަރައްގީކުރި ތެލަސީމިއާ ސެންޓަރުގެ މަސައްކަތް ނިންމައި، އެ ސެންޓަރު މިއަދު ހެލްތު މިނިސްޓްރީއާ ހަވާލުކޮށްފިއެވެ. މި ސެންޓަރު ގާއިމުކޮށްފައިވަނީ ކޮވިޑް-19 ގެ ދުވަސްވަރުގައި ބޭނުންކުރި އޮރެންޖް ބިލްޑިންގގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފައިވަނީ، އޮރެންޖް ހިޔާއަށް ތެލަސީމިއާ ސެންޓަރު ބަދަލުކުރުމުގެ މަސައްކަތް އެއް މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ސިފައިންނާ ހަވާލުކޮށްފައިވާ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ 30 އެޕްރީލަށް ނިންމާނެ. ސިފައިންގެ މަސައްކަތް ނިންމާނެ. ދެން މޭ މަހު 8، އެއީ، ދުނިޔޭގެ ތެލަސީމިއާ ދުވަސް. އެ ދުވަހަށް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މާލޭގައި ހުރި މަރުކަޒު މިތަނަށް ބަދަލުކޮށް، އެ ދުވަހުގެ ކުރިން، ބަދަލުކޮށް، ވަރަށް ފަސޭހަކަމާއެކީގައި، މާ އުނދަގުލެއް ކުދިންނަށް ވެސް ދިމާނުވާ ގޮތަށް، ހަމަ ކުރު ވަގުތުކޮޅެއްގެ ތެރޭގައި ބަދަލުކުރުމުގެ ކަންތައް ވެސް ރޭވިގެންދާނެ،" ރައީސް ވިދާޅުވިއެވެ.
އަދި އަދުގެ ތާރީހުގައި، އެމަނިކުފާނުގެ ވައުދުފުޅާ އެއްގޮތަށް ތަނުގެ މަސައްކަތް ނިންމައި ސިއްހަތާ ބެހޭ ވުޒާރާއާ ތަން މިވަނީ ހަވާލުކޮށްފައެވެ.

ހުޅުމާލެ ފޭސް 1 ގައި ހުންނަ އޮރެންޖް ހިޔާގައި ހުންނަ ތެލެސީމިއާ ސެންޓަރު / ފޮޓޯ: އެމްއެންޑީއެފް
އެމްއެންޑީއެފްއިން މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ، ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު، ގައުމީ ޚާއްޞަ މަސައްކަތެއްގެ ގޮތުގައި ސިފައިންނާ ހަވާލުކުރެއްވި މި މަސައްކަތް ނިންމައި، މިއަދު ހެލްތު މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަމަށެވެ.
ތެލެސީމިއާ ސެންޓަރު އޮރެންޖް ހިޔާއަށް ބަދަލުކުރުމާ ގުޅިގެން، އެމްޓީސީސީން ވަނީ އެ ސަރަހައްދަށް ޚާއްޞަ ބަސް ރޫޓެއް ވެސް ހަމަޖައްސާފައެވެ. އެގޮތުން ހުޅުމާލެ ފިޔަވަހި 1 އަދި ފިޔަވަހި 2 އަށް ދަތުރުކުރާ އާރް5 އޮރެންޖް ހިޔާއަށް މަޑުކުރާ ގޮތަށް ބަސް ހުއްޓިއެއް އިތުރުކޮށްފައިވާއިރު، މާލެއިން އޮރެންޖު ހިޔާއަށް ދަތުރުކުރެވޭނީ އާރް15 ރޫޓުންނެވެ.
ތެލެސީމިއާއާ ގުޅުންހުރި އެންމެހައި ދަތިތަކަށް ޙައްލު ހޯދައިދެއްވާނެކަމުގެ ޔަޤީންކަން ރައީސް މުޢިއްޒު ވަނީ ދެއްވާފައެވެ.

