ހުޅުމާލޭގައި ޤާއިމުކޮށްފައިވާ އޮރެންޖް ހިޔާއަށް ތެލެސީމިއާ ސެންޓަރު ބަދަލުކުރުމުގެ މަސައްކަތް ޤައުމީ ދިފާޢީ ބާރުން ތާވަލާ އެއްގޮތަށް ނިންމާލާފައިވާތީ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޤައުމީ ދިފާޢީ ބާރަށް ޝުކުރު އަދާކުރައްވާފައެވެ.
ތެލެސީމިއާ ކުދިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ހުޅުމާލޭގައި އޮރެންޖް ހިޔާ ޤާއިމުކުރުމުގެ މަސައްކަތް ކުރިން ސަރުކާރުން ހަވާލުކުރި ފަރާތްތަކުން އެކަށީގެންވާ ހަލުވިމިނެއްގައި ކުރިއަށް ނުދިއުމާ ގުޅިގެން، މިއީ ޤައުމީ މަސައްކަތެއްގެ ގޮތުގައި މާރިޗު 27 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ޤައުމީ ދިފާޢީ ބާރާ ހަވާލުކުރައްވާފައެވެ.
މި މަސައްކަތް ސިފައިން ފެށީ މާރިޗު 28 ވަނަ ދުވަހުއެވެ. އެމްއެންޑީއެފްގެ ސަރވިސް ކޯގެ ބެލުމުގެ ދަށުން ކުރިއަށްގެންދިޔަ މި މަސައްކަތުގައި، ކުރީގެ ޑިޒައިނަށް ބަދަލުތަކެއް ގެނެސް، ކުޑަކުދިންނަށް ފަސޭހަވާނެ ގޮތަށް ވަނީ ބައްޓަންކޮށްފައެވެ.
1994 ވަނަ އަހަރުން ފެށިގެން މޯލްޑިވިއަން ބްލަޑް ސަރވިސްގެ ޢިމާރާތުގައި ދެމުން އައި ތެލެސީމިއާގެ ޚިދުމަތްތައް މިހާރު ވަނީ އޮރެންޖް ހިޔާއަށް ބަދަލުކޮށްފައެވެ. އަދި މި ޚިދުމަތް ހޯދުމަށް މާލެއިން ފަސޭހަކަމާއެކު ދަތުރުކުރެވޭނެ ގޮތަށް އެމްޓީސީސީން ވަނީ އިތުރު ބަސް ސަރވިސްތަކެއް އެ ސަރަހައްދަށް ތަޢާރަފުކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވި މުއްދަތުގައި މި މަސައްކަތް ނިންމާލުމަށް ސިފައިންގެ އެކި ޑިޕާޓްމަންޓުތަކުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކުރެވެއެވެ. އަދި މިއަހަރުގެ ތެލެސީމިއާ ދުވަހާ ދިމާކޮށް މި މަރުކަޒު ޚިދުމަތަށް ހުޅުވާލެވިފައިވާކަން ވެސް ފާހަގަކުރެވެއެވެ.

