“ވާނުވާ ބަންދު”ގައި މީހުން ބޭތިއްބުމުގެ މައްސަލައަށް އޮތް ދާއިމީ އެންމެ ރަނގަޅު ޙައްލަކީ މައްސަލަ ބަލައި ނިންމުން އަވަސްކުރުން ކަމަށާއި، އެކަމަށް ބޭނުންވާ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ މުޢިއްޒު މި ވާހަކަ ދައްކަވާފައިވަނީ މިއަދު ކުރިއަށް ގެންދެވުނު “ރައްޔިތުންނާ އެކު” ޕޮޑްކާސްޓްގައެވެ. މި ޕޮޑްކާސްޓަކީ ރައްޔިތުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކާއި ސުވާލުތަކަށް ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދާރީވުމަށް ސިލްސިލާކޮށް ކުރިއަށް ގެންދަވާ ޕްރޮގްރާމެކެވެ.
ރައީސް ޑރ މުޢިއްޒު ވިދާޅުވީ، މައްސަލަތައް އަވަހަށް ބަލައި ނިންމުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި ސަރުކާރުން ޖާގައާއި ވަޞީލަތުގެ ގޮތުން ފޯރުކޮށްދެވެން އޮތް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އެގޮތުން، ހުޅުމާލޭގައި ތަރައްޤީ ކުރެވެމުންދާ ކޯޓު ކޮމްޕްލެކްސްގެ މަސައްކަތްތައް ނިމުމުން، ޝަރުޢީ ދާއިރާއަށް އިދާރީ ގޮތުން ބޭނުންވާ އެހީތެރިކަންވެސް ސަރުކާރުން ކަށަވަރުކޮށްދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި މިވަގުތު “ވާނުވާ ބަންދު”ގައި 300 އެތައް ބަޔަކު ތިބިއިރު، ހައެއްކަ އަހަރުގެ މުއްދަތެއް ބަންދުގައި ހޭދަކޮށްފައިވާ މީހުންވެސް އެބަތިބިއެވެ. މިއީ ވަރަށް ބޮޑު މައްސަލައެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި މައްސަލައަށް ޙައްލު ހޯދުމަށް ސަރުކާރުން އެޅުއްވި ފިޔަވަޅުތަކުގެ ތެރޭގައި:
- – ކުށުގެ ތުހުމަތުގެ ބަންދުގައި ތިބި މީހުންގެ ތެރެއިން އެންމެ މަދުވެގެން 3 ބައިކުޅަ 1 ބައި މީހުން އިލެކްޓްރޯނިކް މޮނިޓަރިންގް ސިސްޓަމެއްގެ ދަށުން ދޫކުރުމަށް މަސައްކަތްކުރުން
- – ކުދި ކުށް ނުވަތަ ބަލިކަށި ހެކި ހުރި ފަރާތްތަކުގެ ކޭސްތައް ވަކިވަކީން ބެލުމަށް ޕްރޮސރޮސެކިއުޓަރ ޖެނެރަލް އޮފީހަށް އެންގުން
- – ކަފާލާތުގެ ނިޒާމު ފުޅާކުރުމަށް މަސައްކަތްކުރުން
އުތުރުތިލަފަޅުގައި ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭ “ކޮމްޕޮސިޓް” ޖަލެއް ތަރައްޤީކުރުންނަމަވެސް ރައީސް މުޢިއްޒު ވިދާޅުވީ، ޖިންސީ ކުށުގެ ތުހުމަތުގައި، ވަކިން ޚާއްޞަކޮށް ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށުގައި ތިބި ފަރާތްތަކަށް ލުއިދެވޭނެ
ގޮތެއް ނޯންނާނެ ކަމަށެވެ.
ރައީސް ޑރ މުޢިއްޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކުށުގެ ތުހުމަތުގައި މީހުންހުން ބައިތިއްބާ ތަންތަނުގެ ހާލަތު ރަނގަޅުކުރުމަކީވެސް ސަރުކާރުން އިސްކަންދޭ ކަމެކެވެ. އެމަނިކުފާނު ވިދާޅުވީ، މިހާރު ބައެއް ތަންތަނުގެ ހާލަތު ދަށްކަމަށާއި، އިންސާނީ ކަރާމާތް ހިމާޔަތްކުރެވޭ ފެންވަރުގައި ނެތްކަމަށެވެ. މިއީ ސީރިއަސްކަމާއެކު ބަލަމުންދާ މައްސަލައެއް ކަމަށާއި، މި ތަންތަނުގެ ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

