ދިވެހިރާއްޖެ ޑިޖިޓަލައިޒް ކުރުމަށް ފައްޓަވާފައިވާ “ދިވެހިރާއްޖެ 2.0” ގެ އެންމެ ބޮޑު އެއް މަޤްޞަދަކީ ކޮރަޕްޝަން ނައްތާލުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިކަން އެމަނިކުފާނު ފާހަގަކުރެއްވީ “ރައްޔިތުންނާ އެކު” ޕޮޑްކާސްޓުގެ ފަސްވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް އޮޓޮމޭޓުކޮށް ޑިޖިޓަލައިޒްކުރެވިފައިވާ ނިޒާމަކަށް ބަދަލުކުރެވިއްޖެނަމަ، މަޤާމުގެ ނުފޫޒު ފޯރުވުމާއި ނާޖާއިޒު ފައިދާ ނެގުމުގެ ފުރުޞަތު ހަނިވެގެންދާނެއެވެ. އަދި މީގެ ސަބަބުން ދެފުށް ފެންނަ މިންވަރު އިތުރުވެ، މަޢުލޫމާތު ހޯދައި ލިބިގަތުން ފަސޭހަވެގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢުގެ ދަށުން ސަރުކާރާއި ދައުލަތުގެ އިތުރުން، ޕްރައިވެޓް ސެކްޓަރގެ މައިގަނޑު ޚިދުމަތްދޭ އިދާރާތަކާއި މުއައްސަސާތައް އެއް ވިއުގައަކުން ގުޅާލެވޭނެއެވެ. މި މަޝްރޫޢު ކުރިއަށް ގެންދެވުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑުގެ ދެލިކޮޕީވެސް މިހާރު ވަނީ އެކުލަވާލަމުންނެވެ.
އެސްޓޯނިއާގެ އެހީތެރިކަމާއެކު ކުރިއަށް
ހަތަރު އަހަރުގެ މި މަޝްރޫޢު ކުރިއަށް ގެންދެވުމުގައި، ޑިޖިޓަލައިޒޭޝަންގެ ދާއިރާއިން ބޮޑު ކުރިއެރުމެއް ހޯދާފައިވާ އެސްޓޯނިއާގެ އެހީތެރިކަން ލިބިގެންދާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. މި ގޮތުން، މޯލްޑިވްސް ޑިޖިޓަލް ޓްރާންސްފޯމޭޝަން ސަމިޓުގައި އެސްޓޯނިއާގެ މާހިރުންގެ ޓީމެއް ބައިވެރިވެ، އެ ޤައުމުގެ ތަޖުރިބާ ހިއްސާކުރައްވާނެއެވެ.
ރައީސް މުޢިއްޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، 2030 ވަނަ އަހަރާ ހަމައަށް ދިވެހި ޤައުމީ އުފެއްދުންތެރިކަމުގެ 15 އިންސައްތަ އަކީ ޑިޖިޓަލް އިޤްތިޞާދަށް ބަރޯސާވާ މިންވަރަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ. އަދި އެސްޓޯނިއާއިން 25 އަހަރުން ކުރި މަސައްކަތް، ރާއްޖެއިން 4 އަހަރުގެ ތެރޭގައި ކުރެވޭނެ ކަމަށް އެ ޤައުމުގެ ކަމާބެހޭ ފަރާތްތަކުންވެސް ޤަބޫލުކުރާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

