އެޕްރީލް 18، 2025 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމަތީގައި ދިވެހި ޒުވާނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން ތަހުގީގެއްކޮށް ލަފާ ދިނުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފެއްދެވި ރިޔާސީ ކޮމިޝަނަށް މަޢުލޫމާތު ހިއްސާކުރުމަށް ޚާއްޞަ ޕޯޓަލެއް މިއަދު ހުޅުވާލައިފިއެވެ.
މި ކޮމިޝަނުން ބަލަމުންދަނީ ހައްވާ ޔުމްނު ރަޝީދުގެ މައްސަލައެވެ. ކޮމިޝަނުން މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި ހާދިސާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް، ފޮޓޯ/ވީޑިއޯ ނުވަތަ އެނޫންވެސް ލިޔުމެއް ކޮމިޝަނާ ހިއްސާކުރަން ބޭނުންވާ ފަރާތްތަކަށް އަލަށް ހުޅުވާލި ޕޯޓަލް މެދުވެރިކޮށް އެ މަޢުލޫމާތުތައް ހިއްސާކުރެވޭނެ ކަމަށެވެ. މި ޕޯޓަލްއަށް ލޮގިންވުމަށް ބޭނުންކުރަންޖެހޭނީ އީ-ފާސް ކަމަށް ވެސް ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.
ކޮމިޝަނުގެ މެންބަރުން؛
މި މައްސަލައާ ގުޅޭގޮތުން އެކުލަވާލި ރިޔާސީ ކޮމިޝަނުގައި ހިމެނިވަޑައިގަންނަވަނީ
- ކޮމިޝަންގެ ރައީސްކަން ކުރައްވާ ކުރީގެ ބަންޑާރަ ނައިބު ޑރ. މުޙައްމަދު މުނައްވަރު،
- ބްރިގޭޑިއާ ޖެނެރަލް ރިޓަޔަޑް އަޙްމަދު މުޙައްމަދު،
- ޑރ. މޫސާ މުރާދު،
- ޖަބީން މުޙައްމަދު
- އާމިނަތު އީނާސް
މިދިޔަ އޭޕްރީލް 30 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނުގެ ރައީސް ޑރ. މުނައްވަރު ވިދާޅުވެފައިވަނީ "ކޮމިޝަނުގެ މަސައްކަތް ކުރިއަށް ގެންދާނީ ފުރިހަމަ މިނިވަންކަމާއެކު" ކަމަށެވެ. އަދި މަސައްކަތް ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދިއުމަށްޓަކައި ޕޯޓަލެއް އުފައްދަވާނެ ކަމުގެ ޔަގީންކަން ވެސް އެ ދުވަހު ދެއްވާފައިވެއެވެ.
ޔުމްނުގެ މައްސަލައިގައި ސަރުކާރުން ވަނީ އިތުރު ފަރުވާއަށް އެންސްޕާ މެދުވެރިކޮށް 25،000 ޑޮލަރު (385،500 ރުފިޔާ) ހަމަޖައްސައިދީފައެވެ. ކޮމިޝަނުގެ މައިގަނޑު މަސްއޫލިއްޔަތަކީ މި ހާދިސާއާއި މިކަމުގެ ވަށައިގެންވާ ކަންކަން ތަހުގީގުކޮށް، ކަމާބެހޭ މުއައްސަސާތަކުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތައް ދިރާސާކުރުމަށްފަހު ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމެވެ.

