އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ރިޓަޔާ ކުރައްވަން ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހަޅުއްވައިފިއެވެ.
ނަމަވެސް، އެމަނިކުފާނުގެ ރިޓަޔަމަންޓާ ގުޅޭގޮތުން ޖޭއެސްސީން އަދި ރަސްމީ އެއްވެސް ބަޔާނެއް ނެރުއްވާފައެއް ނުވެއެވެ.
މީގެ ކުރިން އާ ގާނޫނީ ވަކީލުންތަކެއް ހުވާ ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ވަނީ ރިޓަޔަރމަންޓާ ގުޅޭ އިޝާރާތެއް ދެއްވާފައެވެ. އެގޮތުން، “އަޅުގަނޑަކީ މިހާރު ވަރަށް ދުވަސްވީ މީހެކޭ. ހަމަ އެކަށީގެންވާ ކަމެއް މިފަދަ ޖަލްސާއަކުން މި ހައިސިއްޔަތުން ދެން ނުފެނުމަކީ” ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޝަރުއީ ދާއިރާއަށް 32 އަހަރަށްވުރެ ގިނަ ދުވަހުގެ ޚިދުމަތް ކުރައްވާފައިވާ އުއްތަމަ ފަނޑިޔާރު، އެ ދާއިރާއަށް އައިސްފައިވާ ކުރިއެރުންތަކާ ގުޅޭގޮތުން ވެސް ވާހަކަފުޅު ދައްކަވާފައިވެއެވެ. “މިދިޔަ 32 އަހަރަށް ބަލާއިރު އަޅުގަނޑު ގާނޫނީ ދާއިރާއަށް ނުކުތް އިރު ކަންކަން ތަރުތީބު އޮތީ މި ގޮތަކަށް ނޫން. ޑިފެންސް ލޯޔަރުން ވެސް ފުރަތަމަ ވަރަށް މަދު” ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އުއްތަމަ ފަނޑިޔާރުގެ މަޤާމުން އެމަނިކުފާނު ރަސްމީކޮށް ރިޓަޔަރ ވެވަޑައިގަންނަވާނީ ޖޭއެސްސީން އެކަމަށް ފުރުސަތު ދެއްވުމުންނެވެ. މިކަމާ ގުޅޭގޮތުން ޖޭއެސްސީން ނިންމަވާ ގޮތެއް އަދި ހާމަކުރައްވާފައެއް ނުވެއެވެ.

