ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ބޭފުޅަކަށް ނިސްބަތްކޮށް، އެމްޑީޕީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބެއިރު (މަންދީ) ދެއްކި ވާހަކަތަކާ ގުޅިގެން އުފުލާފައިވާ އަބުރުގެ ދަޢުވާގެ ޝަރީޢަތް ލައިވްކޮށްދިނުމަށް ފަސްޓްލޭޑީ ސާޖިދާ އެދިވަޑައިގެންނެވި ނަމަވެސް، އެކަން ނުކުރުމަށް ސިވިލް ކޯޓުން މިއަދު ނިންމައިފިއެވެ.
ފަސްޓްލޭޑީ ސާޖިދާގެ ފަރާތްޕުޅުން މި މައްސަލައިގައި ދެ އިޖުރާއީ ހުށަހެޅުމެއް ހުށަހަޅުއްވާފައިވެއެވެ. އެގޮތުން އެމްޑީޕީއާއި، ފައްޔާޒް އިސްމާޢީލް އަދި މަންދީގެ މައްޗަށް ކުރައްވާފައިވާ ދަޢުވާތަކުގެ ޝަރީޢަތް އެކުގައި ކުރިއަށް ގެންދިއުމަށާއި، މައްސަލައިގެ އަޑުއެހުންތައް އާންމުކޮށް ޓީވީން ލައިވްކޮށް ދެއްކުމަށް އެދިވަޑައިގެންފައިވެއެވެ.
ނަމަވެސް، ސިވިލް ކޯޓުގެ ގާޒީ ފައިސަލް އާދަމް ނިންމެވީ، މި މައްސަލައަކީ ކުޑަކުއްޖެއްގެ މަޞްލަޙަތު ހިމެނޭ އަދި މައިގަނޑު ޚުޞޫމާތު ކުޑަކުއްޖަކަށް އަމާޒުވާ ގޮތަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށްވާތީ، އަޑުއެހުންތައް ބްރޯޑްކާސްޓް ނުކުރުމަށެވެ. އަދި އަޑުއެހުންތައް އާންމުކޮށް ހުޅުވާނުލައި ސިއްރު ކުރުމަށެވެ.
ރައީސްގެ އާއިލާގެ ވަކީލު އަދި ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރުގެ ލޯ ފާމުން ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރައީސް މުޢިއްޒުގެ ދަރިކަލުން އުމައިރު މުޙައްމަދު މުޢިއްޒަށް ނިސްބަތްކޮށް ދައްކާފައިވާ ވާހަކަތަކުގެ ސަބަބުން، އުމައިރުގެ ނަފުސަށާއި ފުރާނައަށް ނުރައްކާވާނެ ހާލަތެއް މެދުވެރިވެ، އޭނާގެ ކިޔެވުމަށާއި މުސްތަޤުބަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
މި މައްސަލައިގައި އެމްޑީޕީއާއި ފައްޔާޒުގެ މައްޗަށް ދަޢުވާ ކޮށްފައިވަނީ، ރައީސްގެ ދަރިކަލުންނާ ގުޅޭގޮތުން ވާހަކަ ދައްކާފައިވަނީ އެމްޑީޕީން ބޭއްވި އެއްވުމެއްގައި ކަމަށްވެފައި، އެކަން ހުއްޓުވުމަށް އެޕާޓީން މަސައްކަތް ކޮށްފައިނުވާތީ ކަމަށާއި، ފައްޔާޒު އެ ވާހަކަތައް ކުށްވެރިކުރުމުގެ ބަދަލުގައި އެފަދަ ވާހަކަތަކަށް ހިތްވަރުލިބޭ ގޮތަށް އެކްސްގައި ޕޯސްޓެއް ކުރައްވާފައިވާތީއެވެ.

