މޯލްޑިވްސް އިމިގްރޭޝަންގެ އޮންލައިން ޕޯޓަލް "އިމުގާ" ގެ ނަމުގައި ފޭކް ވެބްސައިޓްތަކެއް ދައުރުވަމުންދާތީ، އާންމު ރައްޔިތުން މިކަމަށް ސަމާލުވުމަށް އެ އިދާރާއިން މިއަދު އިލްތިމާސްކޮށްފިއެވެ.
އިމިގްރޭޝަނުން ދެމުންދާ ގިނަ ޚިދުމަތްތަކެއް މިހާރު ދެމުން އަންނަނީ އިމުގާ ޕޯޓަލް މެދުވެރިކޮށެވެ. މީގެ ތެރޭގައި ދިވެހި ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ޚިދުމަތްވެސް ހިމެނެއެވެ. ނަމަވެސް މި ޕޯޓަލްގެ ނަމުގައި އުފައްދާފައިވާ ނަކަލު ވެބްސައިޓްތަކެއް ދައުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
"ފޭކް ނޫނީ ތާޑް ޕާޓީ ވެބްސައިޓްތައް ބޭނުން ނުކުރުމަށް އެދެން، ޓްރެވެލް ޑިކްލަރޭޝަން ފޯމަކީ ހިލޭ ލިބޭ ފޯމެއްކަންވެސް އަންގަން،" އިމިގްރޭޝަނުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ފާއިތުވި ދުވަސްތަކުގައި ރާއްޖޭގައި އޮންލައިން ސްކޭމްގެ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ. މިފަދަ މައްސަލަތަކުން ރައްކާތެރިވުމަށް ގިނަ އިދާރާތަކުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.
އިމިގްރޭޝަނުން އާންމުންނަށް އަންގާފައިވާ ގޮތުގައި، އެ އިދާރާގެ ރަސްމީ ވެބްސައިޓް ފިޔަވައި އެހެން ވެބްސައިޓްތަކުގައި އެ އިދާރާގެ ޚިދުމަތްތަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ މަޢުލޫމާތު ރައްކާތެރި ނުވެދާނެ ކަމަށާއި، އެފަދަ ވެބްސައިޓްތަކުން ޚިދުމަތް ހޯދުމުގައި ފަރުވާތެރިވުމަށެވެ.

