މިހާތަނަށް އިންޑިއާގެ 25 ޑްރޯން ވައްޓާލާފައިވާ ކަމަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނެފިއެވެ.
ލާހޯރާއި ކަރާޗީ ހިމެނޭ ގޮތަށް އެގައުމުގެ ބައެއް ބޮޑެތި ސިޓީތަކުގެ މައްޗަށް މި ޑްރޯންތައް ވައްޓާލާފައިވާއިރު، މި ހަމަލާތަކުގެ ސަބަބުން އެކަކު މަރުވެފައިވާއިރު، ފަސް މީހަކު ޒަޚަމްވެފައިވާ ކަމަށް ވެސް ޕާކިސްތާނުގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.
އިންޑިއާގެ ޑިފެންސް މިނިސްޓްރީން ޕާކިސްތާނުގެ ވައިގެ ދިފާއީ ނިޒާމަށް އަމާޒުކޮށްފައިވާކަން އޭގެ ގަޑިއެއްހާއިރު ފަހުން ކަށަވަރުކޮށްދީ، ލާހޯރުގެ އެއް ދިފާއީ ނިޒާމެއް “ނިއުޓްރަލައިޒް” ކުރެވޭ ކަމަށް ބުނެފައިވެ އެވެ.
އެގޮތުން ޕާކިސްތާނުން އިންޑިއާ އާއި އިންޑިއާގެ ވެރިކަމުގައި އޮންނަ ކަޝްމީރުގެ ސަރަހައްދުތަކަށް ޑްރޯންތަކާއި މިސައިލްތަކުން ހަމަލާދޭން މަސައްކަތް ކުރި ނަމަވެސް މިތަކެތި ވައްޓާލާފައިވާ ކަމަށް އިންޑިއާގެ ޑިފެންސް މިނިސްޓްރީން ވަނީ ބުނެފައެވެ.
ބުރާސްފަތި ދުވަހު ޕާކިސްތާނު ސިފައިންގެ ތަރުޖަމާނު ލެފްޓިނެންޓް ޖެނެރަލް އަހުމަދު ޝަރީފް ޗައުދަރީ ވިދާޅުވީ ޑްރޯންތަކުގެ ރާޅެއް ރޭގަނޑެއްގެ ތެރޭގައި އެގައުމަށް ހަމަލާދިނުމަށް މަސައްކަތް ކޮށްފައިވާ ކަމަށާއި މި ޑްރޯންތައް އަމާޒުކޮށްފައިވަނީ ކަރާޗީ އާއި ލާހޯރު ހިމެނޭ ގޮތަށް އެންމެ އާބާދީ ބޮޑު ސިޓީތަކަށް ކަމަށެވެ. އަދި އޭގެ ތެރެއިން އެއް ޑްރޯން ލާހޯރުގައި ހުންނަ އަސްކަރިއްޔާގެ ތަނަކަށް އަމާޒުވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އިންޑިއާއިން ޕާކިސްތާނަށް ހަމަލާދެމުން ދަނީ އިޒްރޭލުން އުފައްދާފައިވާ ޑްރޯންތަކެއް ބޭނުންކޮށްގެން ކަމަށްވެސް ޕާކިސްތާނުގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.
ކަޝްމީރުގެ ޕަހަލްގަމްގައި އިންޑިއާގެ ފަތުރުވެރިންނަށް ދިން ހަމަލާގެ ޒިންމާ ޕާކިސްތާނުން ނަގަން ޖެހޭނެ ކަމަށް ބުނެ އިންޑިއާއިން ވަނީ ޕާކިސްތާނަށް މިސައިލް ހަމަލާ ދީފައެވެ. މި ހަމަލާތަކަށް ފަހު ދެ ގައުމުގެ ދެމެދުގައި ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާއިރު، ޕާކިސްތާނުން ވަނީ މި ހަމަލާގެ ބަދަލު ހިފާނެ ކަމުގައި އިއުލާނުކޮށްފައެވެ.

