ޒަމާނީ ފަހުގެ އުކުޅުތަކަށް އަހުލުވެރިވުމަށް ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މުވައްޒަފުން ތާޒާކުރުމުގެ ތަމްރީން ޕްރޮގްރާމްތައް ހިންގުން މުހިންމުކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވެފައިވަނީ މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފުންނަށް ކުރިއަށް ގެންދިޔަ ތަމްރީން ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި ޒަމާން ބަދަލުވެ، ފަންނިއްޔާތުގެ ގޮތުން ދުނިޔެ ކުރިއަރަމުންދާ މިންވަރަކުން ޤާނޫނު ތަންފީޒްކުރުމުގައި ތަންފީޒީ އިދާރާތަކުން ބޭނުންކުރަންޖެހޭ އުކުޅުތަކަށްވެސް ބޮޑެތި ބަދަލުތަކެއް އަންނަމުންދެއެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި އައު މަޢުލޫމާތުތަކަށް މުވައްޒަފުން އަހުލުވެރިނުކޮށް، ތާޒާ ނުކުރެވޭނެނަމަ، މަސައްކަތުގައި ތިބެވޭނީ ވަރަށް ފަހަތުގައިކަމަށް ވަޒީރު ވިދާޅުވިއެވެ.
“ޢާންމު ރައްޔިތުންނާ ކުރިމަތިލައި ޚިދުމަތްދޭއިރު، ތަމްރީންތަކުގެ ބޭނުން ހިފޭ ގޮތަށް މަސައްކަތްތައް ބައްޓަންކުރުމަކީ ވަރަށް މުހިންމު ކަމެއް. އަޅުގަނޑު އެދެނީ ފަންނީ ގޮތުން ބޭނުންވާ ތަމްރީންތައް އަދިވެސް ދީ، ފުރުޞަތުތައް ހޯދާދިނުމަށް،” ވަޒީރު ވިދާޅުވިއެވެ.
“އެގްޒެކެޓިވް ލީޑަރޝިޕް ޓްރެއިނިން” ގެ ނަމުގައި ކުރިއަށް ގެންދެވުނު މި ތަމްރީން ޕްރޮގްރާމަކީ 8 ގަޑިއިރުގެ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި “އެފެކްޓިވް” މީހުންގެ ކިބައިގައި ހުންނާނެ 7 އާދައެއްގެ މައްޗަށް ބޭރުގެ ލިޔުންތެރިއަކު ލިޔެފައިވާ ފޮތެއްގައި ހުރި މަޢުލޫމާތުތަކަށް އަލިއަޅުވާލާފައިވެއެވެ.
އިމިގްރޭޝަނުން މަޢުލޫމާތު ދިން ގޮތުގައި މިއީ މުވައްޒަފުންކުރާ މަސައްކަތުގައި ބޭނުންކުރެވިދާނެ އާދަތަކާއި ފުރިހަމަ ގޮތުގައި ޚިދުމަތްދިނުމަށްޓަކައި ބޭނުންވާނެ އެކި ކަންކަމަށް މުހިންމު މަޢުލޫމާތުތަކެކެވެ. މި ތަމްރީން ކޯހުގައި ބައިވެރިވެފައިވަނީ އިމިގްރޭޝަންގެ އެގްޒެކެޓިވް ލެވެލްގައި މަސައްކަތްކުރައްވާ ބޭފުޅުންނެވެ.

