ގޭބިސީތަކާއި ވިޔަފާރިތަކުގެ ފެން ބިލަށް އަރާފައިވާ ޖޫރިމަނާ ފައިސާ މައާފްކޮށްދިނުމުގެ ޕްރޮގްރާމެއް ޤައުމީ ފެންކުންފުނި، މާލޭ ވޯޓަރ އެންޑް ސެވެރޭޖް ކޮމްޕެނީ، އެމްޑަބްލިއުއެސްސީ އިން ފަށައިފިއެވެ.
މިކަމާ ގުޅޭގޮތުން އެމްޑަބްލިއުއެސްސީން މަޢުލޫމާތު ދެމުން ބުނެފައިވަނީ، ބިލްތަކަށް ފައިސާ ދެއްކުމަށް ލުއިފަސޭހަ މަގެއް ފަހިކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ގޭބިސީތަކާއި ވިޔަފާރިތަކުގެ ފެން ބިލް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ ފައިސާ މަޢާފުކޮށްދެއްވުމުގެ އިތުރު ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
ފެން ކުންފުނިން ހާމަކުރި ގޮތުގައި މި ޕްރޮގްރާމުގެ ދަށުން އެމް.ޑަބްލިޔު.އެސް.ސީގެ ޑޮމެސްޓިކް ކަސްޓަމަރުންނާއި ކޮމާޝަލް ޓެރިފް ކަސްޓަމަރުންގެ ބިލްތަކަށް، 2024 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާ މަޢާފްކޮށްދެވޭނެއެވެ. އެހެންނަމަވެސް ޖޫރިމަނާ މަޢާފްކޮށްދެވޭނީ އެ މުއްދަތާ ހަމަޔަށް ޖޫރިމަނާ ނިސްބަތްވާ ބިލްތަކަށް ދައްކަވަންޖެހޭ ޖުމްލަ ފައިސާ 2025 ވަނަ އަހަރުގެ މެއިމަހުން ފެށިގެން ޑިސެމްބަރުމަހުގެ 31 ގެ ނިޔަލަށް އެއްކޮށް ބިލްތައް ދައްކައި ޚަލާސްކުރާ ކަސްޓަމަރުންނަށެވެ.
މީގެއިތުރުން، އެއްބަސްވުމެއްގެ ދަށުން އެ ބިލްތަކަށް މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކަވައި ޚަލާސްކުރެއްވުމަށް އެދޭ ކަސްޓަމަރުންނަށް، އެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެފައިވެއެވެ. ނަމަވެސް މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކަވާ ކަސްޓަމަރުންނަށް ޖޫރިމަނާ މަޢާފްކޮށްދެވޭނީ އެއްބަސްވުމާއި އެއްގޮތަށް ފައިސާ ދައްކައި ނިންމުމުންނެވެ. މި ޕްރޮގްރާމާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންވާ ފަރާތްތަކަށް އެމްޑަބްލިއުއެސްސީގެ ކަސްޓަމަރ ކެއަރ ސެންޓަރުގެ ހޮޓްލައިން 105 އަށް ގުޅުމުން ނުވަތަ 1050 އަށް އެސް.އެމް.އެސްއެއް ފޮނުވުމުން ނުވަތަ mail@mwsc.com.mv އަށް އީމެއިލްކުރުމުން މަޢުލޫމާތު ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

