ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަކުރާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ، (މެޓް އޮފީސް) އިން ވިދާޅުވެއްޖެއެވެ.
މި ވިއްސާރައިގައި ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށާއި މެދުރާއްޖެތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މެޓް އޮފީހުން ވިދާޅުވެފައިވެއެވެ.
އެގޮތުން، ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި 30 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށެވެ. އަދި ކަނޑުތައްވެސް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެކަމަށާއި ރާޅުގެ އުސްމިން ހުންނާނީ 3 ފޫޓާ 6 ފޫޓާ ދެމެދުގައި ކަމަށްވެސް އެއިދާރާއިން ވިދާޅުވެއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

