ރާއްޖޭއަށް ބޭނުންވާ ބޭސް އެތެރެކުރުމުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން އިންޑިއާގެ އެޗްއެލްއެލް ލައިފްކެއަރ ލިމިޓެޑާ އެކު ސްޓްރެޓެޖިކް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން، އިންޑިއާގެ ޕްރަދާން މަންތްރީ ބާރަތިޔާ ޖަނައުޝަދި ޕަރިޔޯޖަނާ (ޕީއެމްބީޖޭޕީ) ނުވަތަ ޖަނައުޝަދި ސްކީމްގެ ތެރެއިން ރާއްޖެއަށް މެދުނުކެނޑި އަދި އަތްފޯރާ އަގެއްގައި މުހިންމު ބޭސްތައް ލިބޭނެ މަގު ތަނަވަސްވެގެންދާނެއެވެ. އެޗްއެލްއެލް ލައިފްކެއަރއަކީ އިންޑިއާ ސަރުކާރުގެ މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީ ވެލްފެއަރގެ ދަށުން ހިންގާ ކުންފުންޏެކެވެ.
ވޭތުވެދިޔަ ތަނުގައި ރާއްޖޭގައި މުހިންމު ބޭސްތައް ލިބުން ދަތިވެ، ސިއްހީ ނިޒާމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައިވާއިރު، މި އެއްބަސްވުމަކީ އެ މައްސަލައަށް ސީދާ އަދި ދާއިމީ ހައްލެއް ހޯދުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މި އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ހޯދަން އުނދަގޫ ބޭސްތައް ލިބޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެއެވެ.
އެސްޓީއޯއިން ފާހަގަކުރާ ގޮތުގައި، މި ޕާޓްނަރޝިޕްގެ ދަށުން އެތެރެކުރެވޭ ހުރިހާ ބޭހެއްވެސް ހުންނާނީ ޑަބްލިއު އެޗް އޯ މިންގަނޑުތަކާއި ރާއްޖެއަށް ބޭސް އެތެރެކުރުމަށް ހަދާފައިވާ ގަވާއިދުތަކާ އެއްގޮތަށެވެ. މި ޕާޓްނަރޝިޕް ބިނާވެފައިވަނީ ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި ދެ ފަރާތުގެ ދެމެދުގައި އޮތް ކާމިޔާބު އެއްބާރުލުމުގެ ތަޖުރިބާގެ މައްޗަށެވެ.
އެޗްއެލްއެލް ލައިފްކެއަރއާއެކު މި ޕާޓްނަރޝިޕް ޤާއިމުކުރެވުމާއެކު، ރާއްޖެ މިހާރު ވަނީ ދުނިޔޭގެ އެންމެ ފުޅާ ފާމަސިއުޓިކަލް ސަޕްލައި ޗެއިންތަކުގެ ތެރެއިން އެއް ޗެއިނާ ގުޅިފައެވެ.

