އިންޑިޔާގައި ބޭއްވި ބައިނަލްއަޤުވާމީ މުބާރާތެއްކަމަށްވާ ބެޓަލް އޮފް ދި ބޭންޑްސް އިންޓަރނޭޝަނަލްގެ މުބާރާތުން ރާއްޖޭގެ “ޓޫ އޮފް އަސް” ބޭންޑަށް ލިބުނު ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން އޮލިމްޕަހުގައި ޝޯއެއް ބޭއްވުމަށް ނިންމާފައިވާކަން އެބޭންޑުން ހާމަކޮށްފިއެވެ.
މި ޝޯއަކީ މުބާރާތަށް ކުރި ދަތުރުގައި ސަޕޯޓުކޮށް، ހިތްވަރުދިން އެންމެހާ ދިވެހި ރައްޔިތުންނަށް ބާއްވާ ޝޯއެއްކަމަށާއި މި ޝޯ އޮންނާނީ މި މަހުގެ 23 ވަނަ ދުވަހު ރޭގަނޑު 8:00 ޖަހާއިރު އޮލިމްޕަހުގައި ކަމަށް ޓޫ އޮފް އަސް ބޭންޑުން ވަނީ ހާމަކޮށްފައެވެ.
ޝޯވގެ ޓިކެޓު ނެގޭނެ ގޮތް ފަހުން އިޢުލާންކުރެވޭނެކަމަށް އެ ބޭންޑުން ބުނެއެވެ.
12 ގައުމަކުން ވާދަކުރި ބެޓަލް އޮފް ދި ބޭންޑްސް އިންޓަރނޭޝަނަލް މުބާރާތުން ރާއްޖެ ތަމްސީލުކުރި ޓޫ އޮފް އަސް ބޭންޑުން ވަނީ 3 ވަނަ ހޯދާފައެވެ.
މި ބޭންޑުގެ ހުނަރުވެރިކަން މުބާރާތުގެ ހުރިހާ ޖަޖުންވެސް ފާހަގަކޮށްފައިވާއިރު، އިންޑިއާގެ މިޔުޒިކް އިންޑަސްޓްރީގެ އެންމެ މަޝްހޫރު އެއް މިޔުޒިކް ކޮމްޕޯސަރު ކަމަށްވާ އަނޫ މަލިކްވެސް ވަނީ ޓޫ އޮފް އަސް އަކީ މިފަހުން އޭނާއަށް ފެނުނު އެންމެ ހުނަރުވެރި ބޭންޑު ކަމުގައި ބުނެފައެވެ.
ި
ޓޫ އޮފް އަސްގެ މި ކާމިޔާބީ އަކ ދިވެހި ބޭންޑަކުން ބައިނަލްއަޤުވާމީ މުބާރާތެއްގައި ބައިވެރިވެ ހޯދި މިފަދަ އެންމެ ބޮޑު ކާމިޔާބީ ކަން ފާހަގަކޮށްލެވެއެވެ.

