ޕާކިސްތާންގެ އެކި ސަރަހައްދުތަކުގައި ކިޔަވަމުންގެންދާ ދިވެހި ދަރިވަރުންގެ ހާލު މި މިނިސްޓްރީ އާއި ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން މިދަނީ ވަރަށް ގާތުން ބަލަމުންނެވެ.
އަދި ޕާކިސްތާނުގައި މިވަގުތު ތިބި ދިވެހި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ހާރިޖީ ވުޒާރާއިން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ގެންދަނީ ކުރަމުން ކަމަށާއި، މިގޮތުން، ޕާކިސްތާނުގެ މަޝްރަހު މިހާރަށްވުރެން ގޯސްވާނަމަ، ޕާކިސްތާނުގައި ތިބި ދިވެހި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން ވަނީ ހާރިޖީ ވުޒާރާއިން އަރުވާފައެވެ.
ޕާކިސްތާނުގައި ކިޔަވާ މަރުކަޒުތަކާއި އޮފީސްތައް، އާންމު ހާލަތުގައި މިވަގުތު މަސައްކަތްކުރަމުންދާކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން، ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް ވަނީ މައުލޫމާތު ދީފައެވެ. މި ދަނޑިވަޅުގައި، ޕާކިސްތާނުގައި ދިރިއުޅުއްވާ އަދި ދަތުރުފަތުރު ކުރައްވާ އެންމެހައި ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވައި، ޕާކިސްތާނުގެ ސަރުކާރާއި ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށް ހާރިޖީ ވުޒާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.
ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިރައްޔިތަކަށް ދިމާވާ ކަންކަމުގައި ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް ނުވަތަ މިމިނިސްޓްރީގެ ހޮޓްލައިނަށް ގުޅުއްވުމަށް ހާރިޖީ ވުޒާރާއިން ބުނެފައިވާއިރު، ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް ގުޅޭނެ ނަންބަރު 923008504143+ އަށާއި، އެ ވުޒާރާގެ ހޮޓްލައިން ނަންބަރު 7983400 ގުޅުމަށް ވެސް ވަނީ ހާރިޖީ ވުޒާރާއިން އިލްތިމާސްކޮށްފައެވެ.

