ސަރުކާރުގެ ވުޒާރާތަކުން ކުރަމުން އަންނަ މަސައްކަތްތަކާބެހޭ މަޢުލޫމާތު ހިއްސާކޮށް ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބުދެއްވުމަށް ބާއްވާ “އަހާ” ވަޒީރުންގެ ޕަބްލިކް ފޯރަމްގެ 5 ވަނަ ފޯރަމް މިމަހުގެ 12 ވަނަ ދުވަހުގެ ރޭ 21:00 ގައި ޕީއެސްއެމްގެ ޓީވީ ބިލްޑިންގގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާނީ ފަސް ވަޒީރުންނެވެ. އެއީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން، ބަންޑާރަ ނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް، ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް އަދި ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާއެވެ.
ދެ ގަޑިއިރަށް ކުރިއަށްގެންދާ މި ފޯރަމްގައި ބައިވެރިވެ، ވަޒީރުންނާ ސުވާލުކުރުމުގެ ފުރުސަތު މިހާރު ވަނީ އާންމުންނަށް ހުޅުވާލާފައެވެ. އެގޮތުން ފޯރަމް އޮންނަ ތަނަށް ވަޑައިގެން ސުވާލުކުރެއްވުމުގެ އިތުރުން، ޕީއެސްއެމް އެއަރ އެޕް މެދުވެރިކޮށްވެސް ސުވާލު ހުށަހެޅުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ޕަބްލިކް ސާރވިސް މީޑިއާ ގުޅިގެން ކުރިއަށްގެންދާ “އަހާ” ސިލްސިލާގެ ފުރަތަމަ ފޯރަމް ބޭއްވިފައިވަނީ 2023 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 25 ވަނަ ދުވަހުއެވެ. މި ސިލްސިލާގެ ދަށުން ވަޒީރުންގެ ފޯރަމްގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާ ޚާއްޞަ ފޯރަމްތަކެއްވެސް ބާއްވަމުން ގެންދެއެވެ.

